ކުޑަކުދިންނާއި ގުޅުންހުރި ކޮންޓެންޓްތައް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންތާކާ އެއްގޮތަށް ގެނެސްދިނުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.
އެކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ހުރިހާ ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ރާއްޖޭގެ ޤާނޫނުތަކާއި އާއްމު އިޖުތިމާޢީ މިންގަނޑަށާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭގޮތަށް ހުންނަ ކޮންޓެންޓް ކަމުގައި ހެދުމަށް އިލްތިމާސްކުރާކަމަށެވެ.
އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ "ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް"ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ބްރޯޑްކޮމްއިންވަނީ އެދިފައެވެ.
ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި ގުޅުންހުރި ކޮންޓެންޓް ގެނެސްދިނުމުގައި "ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމުގައި ޢަމަލުކުރަންވީ ގައިޑްލައިން"ގެ ހަމަތަކާއި އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށްވަނީ ދަންނަވާފައެވެ. އަދި ކުޑަކުދިންގެ ކަރާމާތާއި އަބުރު ނުގެއްލޭގޮތަށް ކޮންޓެންޓް ފޮނުވުމަށް ބްރޯޑްކާސްޓަރުން ސަމާލުވުމަށްވަނީ ހަނދާންކޮށްދީފައެވެ.
ކުޑަކުދިންނަކީ ޤާނޫނު އަސާސީ ރައްކާތެރިކަން އެންމެ މަތިން ކަށަވަރުކޮށްދޭ ބަޔަކަށް ވީހިނދު މިވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ކުޑަކުއްޖަކާއި ގުޅުވާ އެކި ގޮތްގޮތަށް ޚަބަރުފަތުރާ އެކި ވަޞީލަތްތައްކުންވަނީ މަޢުލޫމާތު ގެނެސްދީފައެވެ. ކުޑަކުދިންނާއި ގުޅޭ ޚަބަރު ގެނެސްދިނުމުގައި ކުދިންގެ ފޮޓޯއާއި ނަމާއި ކުއްޖާގެ ޝަޚުސު އެނގޭނެ މަޢުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ޤާނޫނުން މަނާކުރާކަމެކެވެ.