ސަރަހައްދީ ގަދަ ބާރު އިންޑިއާއާ ދެކޮޅަށް ނުކުންނައިރު،ގައުމީ ފުޓްބޯޅަ ޓީމުން އަލަށް ޖާގަ ހޯދި ކުޅުންތެރިން ޓެސްޓުކުރަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިބްރާހީމް ސައީދު ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއިން އިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަމުން ސައީދު ބުނީ ޓީމާ އަލަށް ގުޅުނު ޒުވާން ކުޅުންތެރިން ވެގެންދާނީ ދެއަހަރުގެ ތެރޭގައި އެންމެ މަތީ ފަންތީގައި ވާދަކޮށްލެވޭވަރުގެ ކުޅުންތެރިންނަށް ކަމަށެވެ.
އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް އެކުލަވާލި ސްކޮޑާއި، މި ފަހަރު ނެގި ޓީމާ މާބޮޑު ފަރަގެއް ފެންނަން ނެތް ކަމަށް ސައީދު ބުންޏެވެ. އެހެން ނަމަވެސް ސްކޮޑުގެ ތެރެއިން ގައުމީ ޓީމުގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ވަގުތު އިސްކަންދޭންވީ ރަނގަޅަށް އޮތް ކަންކަމުގެ ބަދަލުގައި ބައެއް ކަހަލަ މަގާމުތައް ވަރުގަދަކުރުމުގެ ގޮތުން މެޗު ތެރޭގައި، ބައެއް ކަހަލަ ޗޭންޖަސްތަކަށް." ސައީދު ބުންޏެވެ.
ސައީދު ބުނީ ޓީމެއްގެ ގޮތުގައި ރާއްޖޭގެ ޓީމަށް ތައްޔާރުވެވިއްޖެ ކަމަށްވާނަމަ ވަރަށް ވަރުގަދަ ކުޅުމެއް އިންޑިއާއާ ދެކޮޅަށް ދެއްކިދާނެ ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، އެ މެޗަށްފަހު މި މަހުގެ 25 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނުކުންނާނެއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގައެވެ.