ކުޅިވަރު

ފެވަރިޓުން ކަނޑައަޅާނީ ފައިނަލް މެޗުން - ޕޯޗްގަލް ކޯޗް


ފްރާންސްގެ ކޮންމެ ކުޅުންތެރިއަކަށް ފަރުވާތެރި ވާން ޖެހޭނެ ކަމަށް ޕޯޗްގަލްގެ ކޯޗް ފެރްނާންދޯ ސަންތޯސް ބުނެފިއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި  ފްރާންސާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭގޮތުން ޕޯޗްގަލްގެ ކޯޗް ބުނީ މުބަރާތުގެ މިހާ ހިސާބުން ފެވަރިޓުން ކަނޑައަޅާނީ ފައިނަލް މެޗް ނިމުމުން ކަމަށެވެ. 

 އިދިކޮޅަށް ނިކުންނަ ފްރާންސްގެ ފެންވަރު ކޮންމެ މެޗެއްގައި މިހާތަނަށް ފެނިފައިވާކަމަށް ކޯޗްބުންޏެވެ. މުބާރާތުގައި ޕޯޗްގަލްއަކީ މިހާ ހިސާބަށް ދަތުރުކުރާނެ ޓީމެއްކަމަށް ބަޔަކު ނުބުނި ނަމަވެސް ފައިނަލްގައި ކުޅޭ ފެންވަރު ޕޯޗްގަލްގައި ހުރިކަން މެޗުން ސާބިތުކޮށްދެން ބޭނުންވާ ކަމަށް ސަންތޯސް ބުންޏެވެ. 

" މިއީ ޕޯޗްގަލްއަށް ތާރީޙުގެ ތެރެއަށް ވަނުމަށް ލިބޭ ފުރުސަތު. ޕޯޗްގަލް މިހާ ހިސާބަށް ދަުތުރުކުރި ޓީމެއްގެ ގޮތުގައި ކުޅެގެން، މެޗްގައި ފްރާންސްގެ ވަކިވަކި ކުޅުންތެރިންނަށް ބަލައިފިނަމަ ލަނޑު ލިބޭނެ" ޕޯޗްގަލް ކޯޗް ބުންޏެވެ.

މިމެޗަށް ނިކުންނައިރު ސެމީފައިނަލްގައި އަނިޔާގެ ސަބަބުން ބައިވެރިނުވާ ޑިފެންޑަރ ޕެޕޭ ވަނީ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ފައިނަލުން ޕޯޗްގަލް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. 



ފްރާންސްގެ ކޯޗް ޑިޑިއޭ ޑިޝޯމް ބުނީ މިއީ ފްރާންސް އެއްބައިވަންތަކުރަން ޓީމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. ޕޯޗްގަލްއަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި، ރޮނާލްޑޯ ހުންނަ ޓީމެއް ހުއްޓުވުމުގެ ފޯމިއޯލާ މިހާތަނަށް އެއްވެސް ކޯޗަކަށް ހޯދިފައިނުވާ ކަމަށް ކުޅުންތެރިއެއްގެ ގޮތުގައި 2000ވަނަ އަހަރުގެ ޔޫރޯ ފްރާންސާއެކު ހޯދި ޑިޝޯމް ބުންޏެވެ. 

" ރޮނާލްޑޯ ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫން. މި ކިޔަނީ 8 ފޫޓަށް ބޮލުން ޖަހަން އަރާ ކުޅުންތެރިއެއްގެ ވާހަކަ. އެވަރުގެ ކުޅުންތެރިއެއް ހުއްޓުވުން ޖެހޭނީ އައު ފޯމިއުލާއެއް ހޯދަން" ޑިޝޯމް ބުންޏެވެ.

މެޗަށް ފްރާންސްގެ ހުރިހާ ކުޅުންތެރިން ފިޓް ކަމަށާއި، އަމިއްލަ ދަނޑުގައި ތަށި އުފުލާލަން ކެއްމަދުވެފައި ހުރިކަމަށްވެސް ޑިޑިއޭ ޑިޝޯމް ބުންޏެވެ.

 ޔޫރޯ ފައިނަލްގައި ޕޯޗްގަލްއާ ފްރާންސް ވާދަކުރާ މެޗް ފަށާނީ މިރޭ ދަންވަރު ބާރަ ޖަހާއިރު. މިމެޗްގެ ޕްރީ ޝޯވ ޔެސް ޓީވީއިންނާއި ޓީވީއެމްއިން ފަށާނީ 22:30 ގައެވެ.