އަނިޔާގެ ސަބަބުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމުން ބާކީކޮށްފިއެވެ. ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާއިން ކުޅޭ ދެ މެޗަށް ނެގި ސްކޮޑުން އޭނާ ބާކީކުރީ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި ކުޅެނިކޮށް ފައިގެ މަސްގަނޑަށް ތަދުވުމާ ގުޅިގެންނެވެ.
އާޖެންޓީނާއަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއަށް އަނިޔާވީ އެމެރިކާ ލީގުގައި އިންޓަރ މަޔާމީން 2-1 ގެ ނަތީޖާއަކުން އެޓްލާންޓާ ޔުނައިޓެޑް ބަލިކުރި މެޗުގައެވެ. އެ މެޗުގައި މެސީ ވަނީ ލަނޑެއްވެސް ޖަހާފައެވެ.
މި އަނިޔާގެ ސަބަބުން އާޖެންޓީނާ ޓީމާއެކު ދަތުރުކުރުމުގެ ބަދަލުގައި އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ މަޑުކުރާނީ ފަރުވާ ހޯދުމަށް އެމެރިކާގައެވެ.
މެސީއަށް އަނިޔާވެ ޓީމުން ބާކީކުރިއިރު، ބްރެޒިލްއިންވެސް ވަނީ އެ ޓީމުގެ ތަރި ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާވެސް ޓީމުން ބާކީކޮށްފައެވެ.
ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއްވަނައިގައި އޮތީ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ އާޖެންޓީނާއެވެ. 12 މެޗު ކުޅެގެން އެ ޓީމުން ވަނީ މިހާތަނަށް 25 ޕޮއިންޓް ހޯދާފައެވެ. ކޮލިފައިންގައި މި ހަފުތާގެ ހުކުރު ދުވަހު އާޖެންޓީނާ ނުކުންނާނީ ތާވަލުގެ ދެވަނައިގައި އޮތް އުރުގުއާއީއާ ދެކޮޅަށެވެ. އޭގެ ފަހުން ބްރެޒިލްއާ ދެކޮޅަށް ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.