ކުޅިވަރު

ތުރާމްގެ ކަކުލަށް ތަދުވެ ފްރާންސް ޓީމާ ދުރަށް


ފޯވާޑް މާކަސް ތުރާމްގެ ކަކުލަށް ތަދުވެ، ޔުއޭފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެން ތައްޔާރުވާ ފްރާންސް ޓީމުން އޭނާ އުނިކޮށްފިއެވެ.

މިހާތަނަށް 29 މެޗު ފްރާންސަށް ކުޅެދީ، ދެ ލަނޑު ޖަހާދީފައިވާ ތުރާމްގެ ޓީމުން އުނިކުރީ ހޯމަ ދުވަހުގެ ފަރިތަކުރުންތަކުގައި އޭނާއަށް ކުޅެވޭގޮތް ނުވުމުންނެވެ.

އޭނާގެ ކަކުލަށް އެންމެ ފުރަތަމަ އަނިޔާވީ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަރ މިލާނަށް ކުޅެނިކޮށެވެ. ނެދަލަންޑްސްގެ ފެޔަނޫޑް އަތުން އިންޓަރ މިލާން މޮޅުވި މެޗުގައި 27 އަހަރުގެ ކުޅުންތެރިޔާގެ ކަކުލަށް ތަދުވުމުން އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން އިޓާލިއަން ލީގުގައި އާދިއްތަ ދުވަހު އޭނާ ވަނީ އެޓަލާންޓާ އަތުން އިންޓަރ މިލާން މޮޅުވި މެޗުގައިވެސް ކުޅެފައެވެ.

އެކަމަކު ފަރިތަކުރުންތަކުގައި ކުޅެވޭގޮތް ނުވުމުން ފްރާންސް ޓީމުން މި ވަގުތަށް އޭނާ އުނިކުރި ނަމަވެސް، ބަދަލުގައި އެހެން ކުޅުންތެރިއަކު ޓީމަށް ނުނަގާނެ ކަމަށްވެސް ފްރާންސް ޓީމުން ވަނީ ބުނެފައެވެ.

ތުރާމް އަކީ މިވަގުތު އިޓާލިއަން ލީގުގައި ކުޅެމުންދާ ފޯވާޑުންގެ ތެރެއިން އެންމެ ރަނގަޅު އެއް ފޯވާޑެވެ. ނަމަވެސް އޭނާ ނެތަސް ފްރާންސް ޓީމުގައި މޮޅު ފޯވާޑުން އެބަތިއްބެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އޮސްމާން ޑެމްބެލޭ އާއި، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކެޕްޓަން ކީލިއަން އެމްބާޕޭ ހިމެނެއެވެ.