ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އަތުން މޮޅުވާން ޖެހޭ ކަމަށާއި، މި ދެ މެޗުގައި އެކަން ނުކުރެވިއްޖެނަމަ ލަދުގަންނަން ޖެހޭނެ ކަމަށް އިންޑިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ރާހުލް ބޭކޭ ބުނެފިއެވެ.
މާދަމާ އިރުއޮއްސޭއިރު އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. އޭގެ ފަހުން މި މަހުގެ 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަކުރާނީ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައެވެ.
މި ދެ މެޗު ކުޅެން މި ވަގުތު އިންޑިއާގެ އިރު އުތުރުގައިވާ ޝިލޮންގް ސިޓީއަށް ގޮސް ހުރި ރާހުލް ބުނީ ރާއްޖެ އާއި ބަންގްލަދޭޝް އަކީވެސް ވަރަށް އެއްގޮތް ދެ ޓީމު ކަމަށެވެ.
"އަހަރެން މި ދެ ގައުމާ ދެކޮޅަށްވެސް ކުޅުނިން. އެކަމަކު އޭގެ ފަހުން މިހާރު އަހަރުތަކެއްވެއްޖެ. އަހަރުމެން ވާނީ މި ދެ ގައުމުގެ ފަހުގެ މެޗުތަކުގެ ވީޑިއޯ ބަލާފައި. މިއީ ވަރަށް އެއްގޮތަކަށް ކުޅޭ ދެ ޓީމު. މި ދެ ގައުމަކީވެސް އޭޝިއަން ކަޕަށް ކޮލިފައިވާން މަސައްކަތްކުރާ ވަރަށް ވަރުގަދަ ދެ ޓީމު. އަހަރުމެން މި ދެ މެޗުގައި އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ." ރާހުލް ބުންޏެވެ.
އޭނާ ބުނީ އަމިއްލަ ގައުމުގައި މި ދެ މެޗު ކުޅުމަކީވެސް މެޗު ކާމިޔާބު ކުރަންޖެހޭ ސަބަބެއް ކަމަށެވެ.
"އަހަރެން މި ތަނުގައި މީގެ ކުރިންވެސް ކުޅުނިން. ޝިލޮންގަކީ ފިނިތަނެއް. އެކަމަކު މިހާރު ފިނިހޫނުމިން މި ހުރީ ފުޓްބޯޅަ ކުޅެން ހެޔޮވަރު ވަރަކަށް." ރާހުލް ބުންޏެވެ.
އޭނާ ބުނީ ކޮލިފައިން މެޗުގެ ކުރިން ރާއްޖެ މެޗު ކުޅެން ޖެހުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
"ސަބަބަކީ ރާއްޖެ އަކީ ބަންގްލަދޭޝްގެ ކުޅުމާ ވަރަށް އެއްގޮތްކޮށް ކުޅޭ ޓީމެއް. އެހެންވީމާ މި މެޗު ލިބުން އެއީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް." ރާހުލް ބުންޏެވެ.
ހިލޭ ޖެހުންތަކުން ގިނަ ލަނޑުތަކެއް ޖަހާ ކުޅުންތެރިޔާ ބުނީ އޭނާއާ އެކު ޓީމުގައި އެކަން ކުރަން މޮޅު އެހެން ކުޅުންތެރިން އެބަތިބި ކަމަށާއި، އެހެންވެ ކޮންމެ ކަމެއްގައިވެސް އިންޑިއާ ޓީމު ފެނިގެންދާނީ ވަކި މީހަކަށް ބަރޯސާނުވެ، ޓީމެއްގެ ގޮތުގައި ކަމަށެވެ.
އަދި އޭނާއާއެކު ބެންގަލޫރު އެފްސީއަށް ކުޅޭ އިންޑިއާގެ ކުރީގެ ކެޕްޓަން އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ސުނިލް ޗެތުރީ ރިޓަޔާމަންޓް އުވާލައި، އަލުން ގައުމީ ޓީމަށް ކުޅެން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށްވެސް ވަނީ ބުނެފައެވެ. ސަބަބަކީ ޗެތުރީ އަކީ އިތުބާރު ކުޅުންތެރިއެއްގެ އިތުރުން ދަނޑުމަތީގަ އާއި ދަނޑު ބޭރުގައިވެސް ލީޑަރަކަށްވާތީ ކަމަށެވެ.