ރާއްޖޭގައި ހިންގާ ސްކޭމްގެ މައްސަލަތަކުގައި ފޭރޭ ފައިސާ، އެކައުންޓުތަކުން ބޭރުކުރުމުގެ ކުރިން ހުއްޓުވުމުގެ ބާރު ފުލުހުންނާއި މާލީ އިދާރާތަކަށް ލިބިދޭގޮތަށް ޖިނާޢީ އިޖުރާޢާތުގެ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށައިފިއެވެ. މިއާއެކު ސްކޭމް މެދުވެރިކޮށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވާން ފަށާފައިވަނީ ކޯވިޑްގެ ދުވަސްވަރު ޢާންމު މާލީ މުޢާމަލާތްތައް ކުރުމަށް ގެނެވުނު ބަދަލާއެކުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. ސްކޭމްގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން އެކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުނަމަވެސް، ނިޒާމީގޮތެއްގައި އެންމެ ހަރުދަނާކަމާއެކު އެ މަސައްކަތް ކުރެވެން ފެށީ، މަރުކަޒީ ނިޒާމެއްގެ ތެރެއިން އެ މަސައްކަތް މިދިޔަ 2024 ވަނަ އަހަރުގެ މެދުތެރޭގައި ފެށުމުންނެވެ. އެއީ އެންޓި ސްކޭމް ސެންޓަރު ވުޖޫދުވުމުންނެވެ. ސްކޭމްގެ މައްސަލަތައް ހުއްޓުވުމުގައި ޤާނޫނީގޮތުން ހުރި ގޮންޖެހުންތައް ހުއްޓުވުމަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ވަނީ އިޞްލާހެއް ގެންނަވާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި އެ އިޞްލާހަށް އަމަލުކުރަން ފަށާފައިވަނީ ހޯމަ ދުވަހުން ފެށިގެންނެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް، ހެޑް އޮފް އެންޓި ސްކޭމް ސެންޓަރ އާދަމް ނަވީދް ވިދާޅުވީ، މި އިސްލާޙާއެކު އަންނަ އެންމެ ބޮޑު ބަދަލަކީ، ސްކޭމް މެދުވެރިކޮށް ފޭރިގަންނަ ފައިސާ މާލީ ނިޒާމުގެ ތެރެއިން ބޭރުކުރުމުގެ ކުރިން ހުއްޓުވުމުގެ ބާރު ފުލުހުންނަށާއި މާލީ އިދާރާތަކަށް ލިބިގެންދިޔުންކަމަށެވެ.
އެގޮތުން ސްކޭމްގެ މައްސަލައެއް ފުލުހުންނަށް ހުށައެޅުމަށް އަންނަ ކޯލާއި ހިސާބުން އެމަޢުލޫމާތު މާލީ އިދާރާތަކާއި ވަގުތުން ހިއްސާކުރެވެމުންދާނެކަމަށް ނަވީދް ވިދާޅުވިއެވެ. އަދި ފޯން ކޯލު ނިމޭއިރު، ސްކޭމްގެ ޒަރިއްޔާއިން މީހެއްގެ އެކައުންޓުން ފޭރިގެންފައިވާ ފައިސާ ހުއްޓުވުމަށްޓަކައި އެ އެކައުންޓް ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް މިހާރުވަނީ ލިބިދީފައިކަން ނަވީދު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ސްކޭމްގެ މާލީ މުއާމަލާތް ހުއްޓުވުމަށް ކޮންމެ އެކައުންޓެއް ފްރީޒްކުރުމަށް ވަކިވަކިން ކޯޓު ޢަމުރު ހޯދަންޖެހުނަސް އަލަށް އަމަލުކުރަން ފެށި އިޞްލާހާއެކު އެންމެ ކޯޓު އަމުރަކުން އެތައް އެކައުންޓެއް ފްރީޒްކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީވެސް މިފަދަ މައްސަލަތައް ހުއްޓުވުމަށް ލިބުނު ފަސޭހައެއްކަމަށް ނަވީދު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެންނާ ހަމަަށް ސްކޭމެއް ރިޕޯޓްކުރެވި ކޯލް ނިމޭއިރު ހަގީގަތުގަ މާލީ އިދާރާތަކަށް ފުލުހުންގެ ފަރާތަކުން އެދާންޖެހޭ މައުލޫމާތުތަކެއް ގޮސް، އެ އިދާރާއަކުން އެ ފިޔަވަޅު އަޅާފަ އޮންނާނީ. އެހެންވީމަ މި އިޞްލާހާ ގުޅިގެން އަޅުގަނޑުމެންނަށް ސިސްޓަމްތެރެއިން ފައިސާ ބޭރުވުމުގެ ކުރިން ހުއްޓުވޭއެބަ. އެއީ ވަރަށް ބޮޑު ތަސައްލީއެއް ރާއްޖޭގެ ސްކޭމްގެ ހާލަތަށްބޅާއިރު ހުއްޓުވުމަށް."
އާދަމް ނަވީދް ވިދާޅުވީ، މިއިސްލާޙާއެކު މިފަދަ މުޢަމަލާތެއް މާލީ ނިޒާމުގެ ތެރެއިން ހިނގާކަމުގެ ޝައްކުކުރެވޭ ހިސާބުން، އެމަޢުލޫމާތު ފުލުހުންނަށް ހުށައަޅަންޖެހެއެވެ. އަދި ފުލުހުން އެދޭ ޙާލަތްތަކުގައި ލިޔެކިޔުމަކާއި ނުލާ، ޝައްކުކުރެވޭ ފަރާތްތަކުގެ ބައެއް މަޢުލޫމާތާއި މާލީ މުޢާމަލާތުގެ މަޢުލޫމާތު ހިއްސާކުރަންޖެހެއެވެ. އަދި މިއިސްލާޙާއެކު 48 ގަޑިއިރަށް ފައިސާ އަވަސްގޮތެއްގައި ހިއްފެހެއްޓުމަށްފަހު، ކޯޓު އަމުރުގެ ދަށުން މިމުއްދަތު އިތުރުކުރުމުގެ ފުރުސަތުވެސް ކަމާބެހޭ އިދާރާތަކަށް ލިބިދެއެވެ.
މިއިސްލާޙާއެކު ކުށްކޮށްގެން ހޯދާ ފައިސާ މާލީ ނިޒާމުގެ ތެރޭގައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދޭއިރު މިކުށްތައް ހުއްޓުވުމުގައި އާއްމުންގެ އެއްބާރުލުން މުހިންމެވެ. ސަބަބަކީ ސްކޭމެއް ހިންގައިފިނަމަ އެކަން ވީއެންމެ އަވަހަކަށް ފުލުހުންގެ ސްކޭމް ސެންޓަރަށް އެންގުމެވެ. މިކަމަށްޓަކައި ނޭޝަނަލް އެމަރޖެންސީ ނަމްބަރު 911 މެދުވެރިކޮށް އަދި ސްކޭމްގެ ކުށް ރިޕޯޓުކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ހޮޓްލައިން 125 މެދުވެރިކޮށްވެސް ރިޕޯޓުކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.