ޚަބަރު

އިތުރު ތަކުލީފަކާއި ނުލާ ފާމަސީތަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާކޮށްފި


  • ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި

  • އާސަންދައިގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކުރަނީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުން

ސަރުކާރުން އަމާޒުކޮށްފައިވާ ގޮތަށް ބަލިމީހުންނަށް ބޭނުންވާ ބޭސްތައް އިތުރު ތަކުލީފަކާއި ނުލާ ފާމަސީތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމަށްޓަކައި ސިއްޚީ ވުޒާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަޒީރު އަބުދުﷲ ނާޡިމް އިބްރާހިމް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމްގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އާސަންދަ އަދި އެންސްޕާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުން ހިމެނެއެވެ.

އަދި ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ މާކެޓްތަކުން ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ކުރެވެން ހުރި މަސައްކަތްތަކާއި، ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޭސް އެތެރެކުރާއިރު، ސަރުކާރުން ވައުދުވެފައިވާ ފަދައިން ކޮލިޓީ ރަނގަޅު ބޭސް ގެނައުމާއި، އެނިޒާމުގެ ތެރެއިން ގެނެވޭ ބޭސްތަކާއި ގުޅޭގޮތުން މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދަނީ ސިއްޚީ ވުޒާރާއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެންސްޕާ އަދި އާސަންދަ ގުޅިގެންނެވެ.

އާސަންދައިގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކުރަނީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށެވެ. ޒަމާންތަކެއް ވަންދެން ބޭސް އެތެރެކުރުމުގައި ހިންގަމުންދިޔަ ބޮޑެތި ޖަރީމާތައް ހުއްޓުވާ ކޮލިޓީ ބޭސް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިމަސައްކަތް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން މަސައްކަތް ފެށުމާއެކު، މިކަމުގައި ފައިދާ ނަގަމުންދިޔަ ފަރާތްތަކުން މިކަމަށް ހުރަސް އަޅަމުންދިޔަ މަންޒަރުވަނީ ފެނިގެންގޮސްފައެވެ. އެހެންނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގެން، މިމަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންވެސް ވިދާޅުވެފައެވެ.