ކުޅިވަރު

ވެޓެރަންސް ލީގު: ސްޓެލްކޯ ބަލިކޮށް ޕޮލިސް ސެމީއާ ގާތަށް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލްގެ ޖާގައެއް ހޯދުމާ ގާތަށް ޕޮލިސް ކުލަބު ޖެހިލައިފިއެވެ.

މާފަންނު ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޕޮލިސް ނުކުތީ ސްޓެލްކޯ ރެކްރިއޭޝަންއާ ދެކޮޅަށެވެ. މި މެޗު ޕޮލިސް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕޮލިސް ކުލަބުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި، އާޔަތުﷲ އިބްރާހިމް ވަނީ ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އާޔަތުﷲ އެވެ.

ޕޮލިސް ކުލަބުގެ އަނެއް ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޝާހިދެވެ. އަދި ސްޓެލްކޯއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޒާފްއެވެ.

މި ނަތީޖާއާއެކު ޕޮލިސް ކުލަބުން ވަނީ ސްޓެލްކޯ ފަހަތަށް ޖައްސާލުމަށްފަހު ގްރޫޕް ބީގެ ދެވަނައަށް ޖެހިލާފައެވެ. މި ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ސްޓެލްކޯއަށް ހަތަރު މެޗާއެކު ވަނީ ގްރޫޕްގެ ކުޅުން ނިމިފައެވެ. އެކަމަކު ޕޮލިސް ކުލަބަށް އަދި ބާކީ އެއް މެޗު އެބައޮތެވެ.

މި ވަގުތު ގްރޫޕް ބީގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ މުއިވެޔޮ ފްރެންޑްސްއެވެ. އަދި ދެވަނައިގައި ޕޮލިސް ކުލަބު އޮތްއިރު، ގްރޫޕްގެ ފަހު މެޗުގެ ޕޮލިސް ބައްދަލުކުރަން ޖެހޭނީ މުއިވެޔޮ އާއެވެ. މި ގްރޫޕުގެ ހަތަރުވަނައިގައި 4 ޕޮއިންޓާއެކު އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.

ފަހު މެޗުގައި ދަ ގްރާންޑޭ ބައްދަލުކުރާނީ ގްރޫޕުގެ ފުލުގައި އޮތް އީގަލްސް އާއެވެ. އެ މެޗު ކާމިޔާބުކޮށް ދަ ގްރާންޑޭއަށް ހަތް ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު އޮތްއިރު، ޕޮލިސް ކުލަބަށް ޖެހޭނީ މުއިވެޔޮ ކައިރީގައި ނަތީޖާއެއް ނެރެންށެވެ.