ކުޅިވަރު

ދެކުނު އޭޝިއާގެ އެންމެ ހުނަރުވެރި ކުޅުންތެރިން ތިބީ ރާއްޖޭގައި: ފައްރާހު


ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ހުނަރުވެރި ކުޅުންތެރިން ތިބީ ރާއްޖޭގައި ކަމަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަޙްމަދު ފައްރާހު ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަމުން ފައްރާހު ބުނީ ރަނގަޅަށް ތައްޔާރުވެގެން ނުކުމެއްޖެ ކަމަށްވާނަ ކާމިޔާބު ލިބުން އެއީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ. ހުނަރުގެ ގޮތުން ބެލިނަމަވެސް ރާއްޖެ ފާހަގަކުރެވެނީ އެންމެ މޮޅު ޓީމެއް ގޮތުގައި ކަމަށާއި، އެހެން ނަމަވެސް ރާއްޖެއަށް އެންމެ ބޮޑު ގޮންޖެހުމަކީ ވާދަވެރި މެޗުތަކެއް ނުކުޅެ، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުތުން ކަމަށް ފައްރާހު ބުންޏެވެ.

އިންޑިއާއިން ބޮޑަށް ބޭނުންވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ މެޗުން މޮޅުވާން ކަމަށާއި، ރާއްޖެއަކީ އިންޑިއާއަށް އަބަދުވެސް ޗެލެންޖެކަށް ވެގެންދާނެ ކަމަށް ފައްރާހު ބުންޏެވެ

"ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އިންޑިއާއާ ދެކޮޅަށް ފުދޭވަރަކަށް ރަނގަޅަށް މަސައްކަތް ކުރެވިއްޖެ. އަބަދުވެސް ރާއްޖެއަކީ އިންޑިއާ ވަރަށް ސީރިއަސްކޮށް އަބަދުވެސް ނަގާ ބައެއް." ފައްރާހު ބުންޏެވެ.

ރާއްޖޭގައި މިހާރު އޮތީ ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް ކަމަށާއި، މިއީ މި ވަގުތަށް މި މެޗަށް ރާއްޖެއިން ނެގޭނެ އެންމެ ވަރުގަދަ ސްކޮޑުކަން ފައްރާހު ފާހަގަކުރިއެވެ. އަދި މާޒީއަށް ބަލާއިރު ރާއްޖެއިން އިންޑިއާގެ މައްޗަށް ކުރި ހޯދާފައިވަނީ ވަކިވަކި ކުޅުންތެރިންގެ މޮޅު ކުޅުމުން ކަމަށާއި، އެހެން ނަމަވެސް މުޅި ޓީމުކުރާ މަސައްކަތް ކޮންމެ ފަހަރަކުވެސް ތަފާތު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ފަހުން މި މަހުގެ 25 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާނެއެވެ.