ކުޅިވަރު

ދެކުނު ކޮރެއާ ކޯޗުގެ ނުރުހުން ބަޔާން މިއުނިކަށް


ޑިފެންޑަރު ކިމް މިން-ޖޭއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެކުނު ކޮރެއާގެ ކޯޗު ހޮންގް މިޔުންގް-ބޯގެ ފާޑުކިއުން ބަޔާން މިއުނިކަށް އަމާޒުވެއްޖެއެވެ.

ކިމް-މިންޖޭގެ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހޮނިހިރު ދުވަހު ޔޫނިއަން ބާލިން އާއި ބަޔާން 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުންވެސް އޭނާ ފެނިފައެއް ނުވެއެވެ. މި އަނިޔާގެ ސަބަބުން ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި، ދެކުނު ކޮރެއާއިން އުރުދުން އާއި އޮމާންއާ ވާދަކުރަންޖެހޭ މެޗުތަކުގައި ކުޅުމުގެ ފުރުސަތު އޭނާއަށް ވަނީ ގެއްލިފައެވެ.

ކިމް މިން-ޖޭގެ އަނިޔާއާ ގުޅިގެން މީގެ ކުރިން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފައި ވަނީ ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު އަމިއްލަ ދަނޑުގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ދެކުނު ކޮރެއާގެ ކޯޗު ހޮންގް މިޔުންގް-ބޯ ހިތްހަމަނުޖެހުން ފާޅުކުރަމުން ބުނެފައިވަނީ ކުޅުންތެރިން އަނިޔާއިން ރައްކާތެރިކުރުމުގައި ބަޔާން މިއުނިކުން ބޮޑުތަނުން ފެއިލްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކިމް މިން-ޖޭގެ މުހިންމުކަން ފާހަގަކުރަމުން ކޯޗު ބުނެފައިވަނީ އޭނާއަކީ ހަމައެކަނި ބަޔާންއަށް މުހިންމުވާ ކުޅުންތެރިއެއް ނޫން ކަމަށާއި، އޭނާއަކީ ދެކުނު ކޮރެއާ ޓީމަށްވެސް އެހާމެ މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

އޮމާން އަދި ޖޯޑަންއާ ވާދަކޮށް ދެކުނު ކޮރެއާއިން މޮޅުވެއްޖެނަމަ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިވާނެއެވެ. ކިމްއަކީ ދެކުނު ކޮރެއާއަށް މުހިންމު ކުޅުންތެރިއަކަށްވާއިރު، އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 69 މެޗު ކުޅެދީފައެވެ.