މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީގެ ޚިދުމަތް މިރަމަޟާންމަހުގެ ފަހު ދިހައެއްގައިވެސް ލިބޭނެކަމަށް އެބޭންކުން ހާމަކުރައްވައިފިއެވެ.
އެމްއައިބީން ވިދާޅުވީ ރަމަޟާންމަހުގެ ފަހު ދިހައެއްގައި އެމްއަބީގެ ބިޒްނަސް ސެންޓަރު (ބޭންކުގެ ހެޑް އޮފީސް) އިން ހުކުރު ދުވަހާއި، ހޮނިހިރު ދުވަސް ފިޔަވައި ހުރިހާ ދުވަަހަކު ޚިދުމަތް ލިބޭނެ ކަމަށެވެ.
މިދުވަސްތަކުގައި އެމްއައިބީގެ ޚިދުމަތް ލިބޭނީ ހެނދުނު 11:30 އިން 14:00 އަށެވެ. އަދި މިމަހުގެ 20، 27 އަދި 29 ގައި ބޭންކުގެ ޚިދުމަތް ލިބޭނީ ހެނދުނު 9:30 އިން 14:00އަށެވެ.
އެމްއައިބީން ވިދާޅުވީ އެބޭންކުގެ އެންމެ މަގްބޫލު އެއް ޚިދުމަތް ކަމަށްވާ އުޖާލާ ދިރިއުޅުން ފެސލިޓީގެ ޚިދުމަތްވެސް މިމުއްދަތުގެ ތެރޭގައި ލިބޭނެކަމަށެވެ. އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ ބޭންކަށް ނުގޮސް ކޮންމެ ތާކު ހުރެގެންވެސް އޮންލައިންކޮށް ހޯދޭ ޚިދުމަތެކެވެ. މިޚިދުމަތަށް އެދި ކޯޓޭޝަންލުންވެސް މިހާރު ވަނީ އޮންލައިން ކޮށްފައެވެ.
އުޖާލާ ދިރިއުޅުން ފެސިލިޓީއަށް އެދުމަށް ގެރެންޓަރއެއްވެސް މިހާރު ބޭނުން ނުވާކަމަށާއި، ބޭނުންވަނީ ވަޒީފާގެ ލިޔުމާއި، 1 އަހަރުގެ ބޭންކް ސްޓޭޓްމަންޓާއި 1 އަހަރުގެ މުސާރަ ސްލިޕާއި، އައިޑީކާޑުކަމަށް އެބޭންކުން ހާމަކުރައްވައެވެ. އަދި މިހުރިހާ ތަކެއްޗެއް އެ ބޭންކުގެ އުޖާލާ ނައު ޕޯޓަލްއަށް އަޕްލޯޑް ކޮށްލުމުން ބޭންކުން ކުރަންޖެހޭ ކަންކަން ކުރިޔަށް ދާނެކަމަށްވެސް އެބޭންކުންވަނީ ހާމަކުރައްވާފައެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކަށް ގިނަ ޚިދުމަތްތައްލިބޭނެ އިންތިޒާމްވެސް އެބޭންކުންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފަރ މެދުވެރިކޮށް މުސާރަޖަމާކުރެވޭނެއެވެ. އަދި މުސާރަ ކޯޑުގައި މުސާރަ ޖަމާކުރުމަށް ބޭންކަށް އެއްވެސް ޑޮކިއުމެންޓެއް ފޮނުވަން ނުޖެހި ކަސްޓަމަރު އަމިއްލައަށްވެސް މުސާރަ ކޯޑުގައި މުސާރަ ޖަމާކުރެވޭނެއެވެ.
ބޭންކިންގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭން ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކީ އިސްލާމިކް ބޭންކެވެ.