ޚަބަރު

އެމްބާޕޭ އެނބުރި ގައުމީ ޓީމަށް


ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ އެނބުރި ގައުމީ ޓީމާ ގުޅި، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.

ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ކްރޮއޭޝިއާ އާއި ދެކޮޅަށް މިރޭ ފްރާންސް ކުޅޭ މެޗަށް އެމްބާޕޭ ނަގާފައިވާއިރު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުނެފައިވަނީ އެނބުރި ގައުމީ ޓީމަށް ނެގުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

"އަލުން އަނބުރާ ގައުމީ ޓީމަށް ނެގުމުން އެކަމާ އުފާ ކުރަން އަދި މަސައްކަތް ކުރާނީ މި މެޗުގައި ލަނޑުތަކެއް ޖަހައި ޓީމަށް ކާމިޔާބީ ހޯދައިދޭން. އަދި އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ޓީމަށް އެންމެ މުހިންމު ކަމަކަށްވާނީ" އެމްބާޕޭ ބުންޏެވެ.

އުމުރުން 26 އަހަރުގެ އެމްބާޕޭ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުން ގައުމީ ޓީމަށް ނަގާފަ އެއް ނުވެއެވެ. ގައުމީ ޓީމަށް މިހާތަނަށް 26 މެޗު ކުޅެދީފައިވާ އެމްބާޕޭ އަށް ކޯޗު ޑިޑިއޭ ޑިޝޯމްޕް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުޅުނު މެޗުތަކުން ފުރުސަތު ނުދީފަ އެވެ.

އެމްބާޕޭ އަށް އޭރު ގައުމީ ޓީމުން ފުރުސަތު ނުދިން ސީދާ ސަބަބެއް ކޯޗު ހާމަކޮށްފައިނުވި ނަމަވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް ފުރުސަތު ދީފައިނުވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމާއި ގުޅިގެންނެވެ.

މި މެޗަށް ނިކުންނައިރު ފްރާންސްގެ ކޯޗު ޑިޝޯމްޕް ބުނެފައިވަނީ މި މެޗަށް ތައްޔާރުވުމަށްޓަކައި އެކަށީގެންވާ ވަގުތު ލިބފައިނުވާ ކަމަށެވެ.

" މި މެޗަށް ތައްޔާރުވުމަށްޓަކައި ބޭނުންވާ ވަރަށް ވަގުތު ލިބިފައެއް ނުވޭ. ޓީމު އެއްކޮށް ހަމަ ކުރެވިފައިވަނީ މީގެ ދެ ދުވަސް ކުރިން." ޑިޝޯމްޕް ބުންޏެވެ.

"ކްރޮއޭޝިއާ އަކީ މިހާރުވެސް ފައިނަލިސްޓެއް އަދި އަހަރުމެން ވާނީ މުބާރާތް ކާމިޔާބުކޮށްފަ. އަހަރެމެންގެ އަމާޒަކީ މި މުބާރާތްވެސް ކާމިޔާބު ކުރުން. އެހެންކަމުން މިއީ ފަސޭހަ މެޗަކަށް ނުވާނެ. އަހަރުމެން ބޭނުން މުބާރާތުގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމުގެ ތެރޭގައި ހިމެނެން" ޑިޝޯމްޕް އިތުރަށް ބުންޏެވެ.