ޚަބަރު

ޖަރުމަނުން އިޓަލީ ބަލިކޮށްފި


ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.

މިލާނުގެ ސަންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 9 ވަނަ މިނިޓުގައި ސެންޑްރޯ ޓޮނާލީ ވަނީ ލަނޑެއް ޖަހާ އިޓަލީ އަށް ކުރި ހޯދަދީފަ އެވެ. އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ލިވަޕޫލް ބަލިކޮށް ނިއު ކާސަލް އިން ޗެމްޕިއަންކަން ހޯދިއިރު ޓޮނާލީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އިޓަލީ އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް ފުރަތަމަ ހާފުގައި ޖަރުމަނަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އެ ޓީމުގެ ލިއޮން ގޮރެޓްޒްކާ އަށް ލިބުނު ދެ ފުރުސަތުވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ދެވަނަ ހާފަށް ނިކުތްއިރު ޖަރުމަނުގެ ކޯޗު ޖޫލިއަން ނަގެލްސްމަން ވަނީ އެ ޓީމަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ކުރިއަށް ކުޅެމުން އައި ޖޮނަތަން ބުކްހާޓްގެ ބަދަލުގައި ޓިމް ކްލެއިންޑިއެންސް ވަނީ ކުޅެން އަރުވާފަ އެވެ.

ޖަރުމަނުން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްލެއިންޑިއެންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި މެޗުން ޖަރުމަން މޮޅުވި ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލިއޮން ގޮރެޓްޒްކާ އެވެ.

މި މެޗުން އިޓަލީ ބަލިވުމާއިއެކު އަމިއްލަ ދަނޑުގައި ޖަރުމަނު އަތުން ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފަ އެވެ. އިޓަލީގެ އަމިއްލަ ދަނޑުގައި ޖަރުމަން އަތުން އެ ޓީމު އެންމެ ފަހުން ބަލިވެފައިވަނީ 1986 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.