މި އަހަރުގެ ފިޠުރު ޢީދަށް ރާއްޖެ ދިއްލާލުމުގެ މަސައްކަތް ފަށައިފިއެވެ.
ފިޠުރު ޢީދަށް ރާއްޖެ ދިއްލާލުމުގެ މަސައްކަތްކުރަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމެޓެޑް، ސްޓެލްކޯއާއި ބައެއް ސިޓީ އަދި ރަށު ކައުންސިލްތައް ގުޅިގެންނެވެ.
ޕީއެެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިދިޔަ ޢީދާ ދިމާކޮށް ދިއްލާލި ރަށްރަށުގެ އިތުރަށް ކޮންމެ އަތޮޅަކުން 2 ރަށް މިފަހަރު ދިއްލާލާނެ ކަމަށެވެ. އަދި ޢީދާ ދިމާކޮށް ބޮކި ދިއްލުމަށް ކައުންސިލްތަކުން އެދެމުންދާ މިންވަރު އިތުރުވަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ބޮކިތައް ދިއްލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އަދި 36 ރަށަކަށް ފޮނުވަންޖެހޭ ޢީދު ލައިޓްތައް ފޮނުވުމަށް ކުރަންޖެހޭ ތައްޔާރީތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ލައިޓްތައް ފޮނުވޭނީ މި މަހުގެ 24ވަނަ ދުވަހުގައި ކަމަށެވެ.
"އިސްލާމީ ޝިޢާރު ފާޅުކުރުމަށް އެ ކަން ރަމްޒުކޮށްދޭ ބޮކިތަކާއި ގިޑިގެތައް ދިއްލުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް" ވަޒީރު ވިދާޅުވިއެވެ.
"އީދު ޢަލި" ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ކުރިއަށްގެންގޮސްފައިވަނީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުސްވަރުގައެވެ. އެފަހަރު އެކަމަށް ލިބުނު ތަރުހީބާއެކު ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ވަނީ ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައި "ޢީދު އަލި" މާލެއާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިއަށް ގެންދަން ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާ އެއްގޮތަށް ކުރިއަށްގެންދާ "ޢީދު އަލި" ޙަރަކާތް މިދިޔަ އަހަރު މާލޭގެ އިތުރުން ކުރިއަށްގެންގޮސްފައިވަނީ ކޮންމެ އަތޮޅެއްގެވެސް ވެރިކަންކުރާ ރަށުގައެވެ.
ޢީދަށް ރާއްޖެ ދިއްލާލުމުގެ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29ވަނަ ދުވަހުގެ ރޭ ސެންޓްރަލް ޕާކުގައެވެ.