ކުޅިވަރު

ބޮލަށް އަނިޔާވުމުން އެލިސަން ގައުމީ ޓީމުން ވަކިވެއްޖެ


ގޯލްކީޕަރު އެލިސަން ބެކާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހިދާނެތީ ބްރެޒިލް އާއި ލިވަޕޫލުން ކަންބޮޑުވެފައިވަނިކޮށް، އިތުބާރު ކީޕަރު ގައުމީ ޓިމުން ވަކިވެއްޖެއެވެ.

ބްރެޒިލް ޓީމުން ބުނީ އެލިސަން ލައްވައި އިތުރަށް ނުކުޅުވަން ނިންމީ ފެޑަރޭޝަނުގެ ގަވާއިދުތަކަށް އަމަލުކުރަންވެގެން ކަމަށެވެ. މިހެންވެ ކުޅުންތެރިޔާ ލައްވައި ކުރިއަށް އޮތް އާޖެންޓީނާ މެޗު ނުކުޅުވަން ނިންމައި އޭނާގެ ޓެސްޓްތައް ހަދައި ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ އޭނާގެ ކުލަބު ލިވަޕޫލުން ކަމަށެވެ.

އެލިސަންގެ ބޮލަށް ހާނިއްކަވީ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކޮލަމްބިއާ އަތުން 2-1އިން ބްރެޒިލް މޮޅުވި މެޗުގަ އެވެ. މެޗުގެ 78 ވަނަ މިނިޓްގައި މަތިން އައި ބޯޅަ ޕަންޗުކުރަން އެރި ވަގުތު އެލިސަން އަށް އަނިޔާވީ ކޮލަމްބިއާގެ ޑެވިންސަން ސަންޗޭޒްއާ މުޑިއެރުމުންނެވެ.

ދެ ކުޅުންތެރިން ވެސް ދަނޑުމައްޗަށް ވެއްޓި ފަރުވާދިނުމަށްފަހު އެލިސަން ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި މެޗުގެ ފަހު 12 މިނިޓް ގޯލް ބެލެހެއްޓީ ބެންޓޯ އެވެ. މި އަނިޔާގެ ސަބަބުން ސަންޗޭޒް ލައްވައިވެސް އިތުރަށް ކުޅުވާފައިނުވެ އެވެ.

ބްރެޒިލްގެ ޓީމުގެ ޑޮކްޓަރު މެޗަށް ފަހު ބުނީ މިހާތަނަށް ބެލިބެލުމުން އެލިސަންގެ ހާނިއްކަ ގޯސްނޫން ކަމަށާއި ނަމަވެސް ބޮލަށް ލިބުނު އަނިޔާއަކަށްވުމުން މިއަދު އިތުރު ޓެސްޓްތައް ހަދާނެ ކަމަށެވެ.

"މިއީ ކޮންކަޝަން، ބޮލަށް ލިބުނު ހާނިއްކައެއްވީމާ އަހަރުމެން ދާނީ ފެޑަރޭޝަނުގައި މިކަމުގައި އޮންނަ ޕްރޮޓޮކޯލްއާ އެއްގޮތަށް. މި ގޮތުން ކުރިއަށް އޮތް ދެތިން ދުވަހު އޭނާހެ ހާލަތު ދާނީ ގަވާއިދުން މޮނިޓަރ ކުރަމުން. އޭނާ ފެއިންޓެއްނުވޭ ވެއްޓިފައި އަދި ހަނދާން ނެތުން ފަދަ ކަމެއް ވެސް ނެތް. އެކަމަކު ވެސް ސީޓީ ސްކޭންތަކާއި ކޮގްނިޓިވް ޓެސްޓްތައް ވެސް ހަދަންޖެހޭނެ،" ޑޮކްޓަރު ބުންޏެވެ.

މި ހާނިއްކައިގެ ސަބަބުން ލިވަޕޫލުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. ސަބަބަކީ އެލިސަން އަކީ އެ ޓީމުގެ އެއްވަނަ ކީޕަރަކަށްވާއިރު އިނގިރޭސި ޕްރެމިއާ ލީގުގައި މުހިންމު މެޗުތަކެއް ކުރިއަށް އޮތުމުންނެވެ.

އެލިސަން ނެތުމުން އެއްވަނަ ކީޕަރަކަށް ކުޅުވާނެ ކަމަށް ބެލެވެނީ ކޮލަމްބިއާ މެޗުގެ ފަހު 12 މިނިޓް ފުރިހަމަކުރި ބެންޓޯ އެވެ. އޭނާގެ އިތުރުން މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން އަކީ ވެސް ގޯލް ބެލެހެއްޓޭވަރުގެ ތަޖުރިބާކާރެކެވެ.