ކުޅިވަރު

އޮޓޯގްރާފް ދިނުމުން ކްރިސް ވުޑްއަށް ރީނދޫ ކާޑެއް


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހުކުރު ދުވަހު ފިޖީ އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗުގައި ނިއުޒިލެންޑުގެ ފޯވާޑް ކްރިސް ވުޑްއަށް ރެފުރީ ރީނދޫ ކާޑެއް ދައްކައިފިއެވެ. ވުޑްއަށް ރެފުރީ ރީނދޫ ކާޑު ދައްކާފައިވަނީ މެޗުގައި ހެޓްރިކް ހެދުމަށް ފަހު ކުޅިބަލަންތިބި ސަޕޯޓަރުންނަށް އޮޓޯގްރާފް ދިނުމުގެ ސަބަބުންނެވެ. މިއީ މިސީޒަނުގައި ދެއްކި އެންމެ އާދަޔާ ޚިލާފު ރީނދޫ ކާޑުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޕްރިމިއަރ ލީގުގައި ނޮޓިންހަމް ފޮރެސްޓަށް މޮޅު ކުޅުމެއް ދެއްކި ވުޑްސް، ވޯލްޑްކަޕް ކޮލިފައިންގައި ފިޖީއާ ދެކޮޅަށް ކުޅެ ހެޓްރިކް ހެދުމުން އޭނާއަށްވަނީ ސަޕޯޓަރުންގެ ފަރާތުން "ސްޓޭންޑިން އޮވޭޝަން"އެއް ދީފައެވެ. މިކަމުގެ އުފަލުގައި ވުޑްވަނީ ސަޕޯޓަރުންނާއި ގާތަށްޖެހިލާ ސަޕޯޓަރުންނާއެކު ފޮޓޯ ނަގާ އޮޓޯގްރާފުތަކުގައި ސޮއިކޮށްފައެވެ.

ވުޑް މިގޮތަށް އަމަލުކޮށްފައިވަނީ ކުޅުމުގެ ތެރެއިންކަމަށްވާތީ މެޗުގެ ރެފުރީ ނޮބާރޓް ހައުއާޓާވަނީ ނިއުޒިލެންޑްގެ ސްޓްރައިކަރއަށް އަދަބެއްގެ ގޮތުން ރީނދޫ ކާޑުދައްކާފައެވެ.

މިކަމާ ގުޅިގެން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވުޑް ބުނެފައިވަނީ އޭނާ މަސައްކަތްކުރީ ސަޕޯޓަރުން އުފާކޮށްދޭން ކަމަށާއި، އެހެންނަމަވެސް ގަވައިދު ވާނީ ގަވައިދަށް ކަމަށެވެ. އޭނާ ނަމަވެސް ގަވައިދާ ޚިލާފުވެއްޖެ ނަމަ އަދަބު ހައްގުވާނެ ކަމަށެވެ.

އޯޝޭނިއާ ބައްރުގެ ކޮލިފައިން ބުރުގައި ނިއުޒީލެންޑް ދެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ނިއު ކެލެޑޯނިޔާއާއެވެ. ނިއުޒީލެންޑުގެ އޯކްލޭންޑްގައި އަންނަ ހޯމަ ދުވަހު މިމެޗު ކުޅުމަށް ތާވަލުކޮށްފަވާއިރު، ނިއުޒީލެންޑަށް އެންމެ ފަހުން ވޯލްޑްކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވަނީ 2010 ވަނަ ސައުތު އެފްރިކާގައި ކުރިއަށް ދިޔަ ވޯލްޑްކަޕު ފުޓުބޯޅަ މުބާރާތުންނެވެ.