އިނގިރޭސި އެފްއޭ ކަޕްގައި ބޯންމަތު އާއި ދެކޮޅަށް ވޮލްވްސް ކުޅުނު މެޗުގައި ވޮލްވްސްގެ ފޯވަޑް މެތިއުސް ކޫނިއާއަށް ދެއްކި ރަތް ކާޑާއިއެކު ހިނގާފައިވާ ކަންތައްތަކާއި ގުޅިގެން އޭނާގެ އަދަބު އިނގިރޭސި އެފްއޭ އިން އިތުރު ކޮށްފި އެވެ.
ބޯންމަތު އަތުން ވޮލްވްސް ބަލިވި މެޗުގެ ފަހު ވަގުތުގައި ރެފްރީ ވަނީ ކޫނިއާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
އުމުރުން 25 އަހަރުގެ ކޫނިއާ އަށް ރަތް ކާޑު ދެއްކި ފަހުން އޭނާ ވަނީ ބޯންމަތުގެ ޑިފެންޑަރ ހަނގޭރީގެ މިލޮސް ކާކޭޒް އަށް ހަމަލާދީފަ އެވެ. އަދި މި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާއަށް އޮޓަމެޓިކުން ތިން މެޗުގެ ސަސްޕެންޝަނެއް އައިސްފައިވާއިރު މި މައްސަލަ އިތުރަށް ބެލުމަށްފަހު އެފްއޭ އިން ވަނީ އޭނާ އިތުރު އެއް މެޗަށް ސަސްޕެންޑްކޮށް 50 ހާސް ޕައުންޑު އިން ޖުރިމަނާކޮށްފަ އެވެ.
ކޫނިއާ އަށް ދިން މި އަދަބާއެކު އޭނާ ހަތަރު މެޗަށް ވަނީ ސަސްޕެންޑް ވެފަ އެވެ. އަދި އެންމެ އަވަށްވެސް އޭނާއަށް ދެން މެޗެއް ކުޅެވޭނީ އަންނަ އެޕްރިލް މަހުގެ 13 ވަނަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅޭ މެޗުގަ އެވެ.
އިޕްސްވިޗް އާއި ދެކޮޅަށް މިދިޔަ ޖެނުއަރީ މަހު ވޮލްވްސް ކުޅުނު މެޗުގައިވެސް ކޫނިއާ އާއި އިޕްސްވިޗްގެ ސެކިއުރިޓީ އޮފިސަރަކާއި ދެމެދު ހިނގާފައިވާ ކަންތައްތަކާއި ގުޅިގެން އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.
ކޫނިއާ ވަނީ މި ސީޒަނުގައި ވޮލްވްސް އަށް 15 ގޯލު ޖަހައިދީފަ އެވެ.