ކަން ހިނގީ މި ގޮތަށެވެ. އެމެރިކާ ކޮޅަށް ލަނޑު ޖަހާފައި ޕެނަމާގެ ސިސިލިއޯ ވޯޓަމަން ގޮސް އޮޅުލައިގަތީ ދަނޑު ބޭރުގައި ހުރި ފްރާންސްގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ ގައިގަ އެވެ. މިވީ ކިހިނެތް ހެއްޔެވެ؟
ކޮންކާކަފް ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި އެމެރިކާ ކޮޅަށް ޖެހި ހަމައެކަނި ލަނޑު ޖަހާފައި އޭނާ ދުއްވައިގަތީ އޮންރީ ހޯދުމަށެވެ. އާސެނަލް އާއި ބާސެލޯނާގެ ކުރީގެ ފޯވަޑަކި މި މެޗުގެ އެއް އެނަލިސްޓެވެ. އޭނާ ދަނޑު ބޭރުގައި ހުރެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަނިކޮށް ސިސިލިއޯ ގޮސް އޮންރީ، އޮންރީ ގޮވަމުން އޭނާގެ ގައިގައި އޮޅުލައިގަތުމުން އެހެން ކުޅުންތެރިން ވެސް ފަހަތުން ގޮސް ބައިވެރިވި އެވެ.
އަދި ސިސިލިއޯ ވަނީ އޭނާގެ ޖާޒީ ބާލައި އޭގައި ސޮއިކޮށް އޮންރީ އަށް ހަދިޔާކޮށްފަ އެވެ. މީގެ ބަދަލެއްގެ ގޮތުން އޮންރީ ވަނީ އޭނާގެ ސޮޔާއެކު ސިސިލިއޯ އަށް އާސެނަލްގެ ޖާޒީއެއް ހަދިޔާކުރާނެ ވާހަކަ ބުނެފަ އެވެ.
އުމުރުން 33 އަހަރުގެ ސިސިލިއޯ އޮންރީ ގާތުގައި ބުނީ އޭނާގެ ފުޓްބޯޅަ އައިޑޮލް އަކީ އޮންރީ ކަމަށް މި މެޗު ވަގުތުން ދެއްކި ސީބީއެސް ސްޕޯޓްސްއިން ވަނީ ބުނެފަ އެވެ. އަދި ލަނޑު ޖަހާފައި އޮންރީ ހޯދަން ދުއްވައިގަތީ ދަނޑުގައި އޭނާ ހުރިތަން ފެނުމުން ކަމަށެވެ. އަދި އޭނާ ގޯލް ޖަހައިގެން ޕެނަމާ މޮޅުވި މެޗުގައި އޮންރީ ހުރުމުން ވަރަށް އުފާވި ކަމަށެވެ.
ޗިލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ ސިސިލިއޯގެ ގޯލުން ފެނަމާ މޮޅުވުމުން މުބާރާތުގެ ފައިނަލްގައި އާދިއްތަ ދުވަހު އެ ގައުމު ބައްދަލުކުރާނީ މެކްސިކޯއާ އެވެ.