ކުޅިވަރު

އިންޑިއާ މެޗުގައި ދެއްކި ކުޅުން ގޯހެއް ނޫން: ސުޒެއިން


މިމަހުގެ 19 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ގައުމީ ފުޓްބޯޅަ ޓީމުން ދެއްކި ކުޅުން ގޯސް ނޫން ކަމަށާއި، އެހެން ނަމަވެސް ކުޅުން އިތުރަށް ރަނގަޅުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް މާލޭގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އަށް މައުލޫތުދެމުން ސުޒައިން ބުނީ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބައެއް ސީނިއަރ ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުން ފެނިފައިނުވާ ކަމަށް ބަޔަކު ބުނި ނަމަވެސް، އެކަމަށް އޭނާ އެއްބަސްނުވާނެ ކަމަށެވެ. އެހެން ނަމަވެސް ކުޅުން އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އެ މެޗުން ފާހަގަކުރެވުނުކަމަށް ސުޒެއިން ބުންޏެވެ.

"ބައެއް ސީނިއަރ ކުޅުންތެރިންގެ ފަރާތުން އަޅުގަނޑުމެންގެ ވިސްނުމުގައި އެމީހުންގެ ފަރާތުން ކުޅޭނެ ނުވަތަ ދައްކާނެ ޕާފޯމަންސް އެރޭ ނުފެނުނު ކަމަށް ބައެއް މީހުން ފާހަގަކުރޭ. އެހެން ނަމަވެސް އަޅުގަނޑު ފާހަގަކުރާނީ ތައްޔާރީތަކާ އެކުދިން ކުޅެން ޖެހުނު މި ހާލަތާ، މި ހުރިހާ އެއްޗަކަށް ބަލާއިރު އަދި އިމްޕްރޫވް ކުރެވޭނެ ކަންކަން އެބަހުރި. އެހެން ނަމަވެސް (ކުޅުން) އެހާ ގޯހެކޭ (ނުބުނެވޭނެ). އެމީހުންނަށް އިނގިލި ދިމާކުރާނެ ފުރުސަތެއް ނެތޭ އަޅުގަނޑު ދަންނަވާނީ." ސުޒެއިން ބުންޏެވެ.

އިންޑިއާ މެޗަށް ގައުމީ ޓީމުން ފުރީ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ތިބުމަށްފަހު އަލުން ދަނޑަށް އެނބުރި އައިސް ކަމަށާއި، އެ މެޗު ރޯދަ މަހާ ދިމާވުމަކީވެސް ކުޅުންތެރިންނަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމެއްކަމަށް ސުޒައެން ފާހަގަކުރިއެވެ. އަދި އެ މެޗު ކުޅުނު ޝިލޮންގަކީ ފިނި ސަރަހައްދަކަށްވުމާއި، އެ ހިސާބަށް ދިއުމަށް ކުރަންޖެހުނު ދަތުރަކީވެސް އުނދަގޫ ދަތުރެއްކަމަށް ސުޒައިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިފަދަ މެޗުތަކުގައި ތަކުލީފުތަކެއް ދިމާވާނެކަން އެންމެންވެސް ގަބޫލުކުރަންޖެހޭ ކަމަށް ކޯޗު ބުންޏެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނަކީ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެގެން ތިބެންވާނެ ބައެއްކަން ފާހަގަކުރަމުން ސުޒެއިން ބުނީ މާހައުލަށް ހޭނުމާއި، ދިގު ދަތުރުތަކަށް ފަރިތަވުމާއި، މޫސުމަށް ތައްޔާރުވެ ތިބުމަކީ ގައުމީ ޓީމުގެ ކުޅުންތެރިންގެ ކިބައިގައި އަށަގަންނަވަންޖެހޭ ކަމެއް ކަމަށެވެ.

"ރޯދަ ވީއްލިތާ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުން މެޗު ފެށުނީ. ވޯމްއަޕަށް އެދިޔައީ 40 ވަރަކަށް މިނެޓު. އެހެންވީމަ އެކަހަލަ އުނދަގޫ ހާލަތްތައްވެސް ގައުމީ ޓީމު އެބަ ދަސްކުރަންޖެހޭ. ދަތުރު ވަރަށް ދިގޭ، ކުޅެން ޖެހޭނީ ފިނީގައޭ. އެހުރިހާ އެއްޗަކާ އެކީ އުޅެން އެބަ ދަސްކުރަންޖެހޭ" ބައިނަލްއަގުވާމީ މެޗުތަކަށް ކުޅުންތެރިން ހޭނި، ދުރާލާ ތައްޔާރުވެ ތިބުމަށް ސުޒެއިން އިރުޝާދުދިނެވެ.

ފިލިޕީންސްއާ ބައްދަލުކުރަންޖެހޭ މެޗަށް ކުޅުންތެރިންތިބީ ވަރަށް ފައްސި ވިސްނުމެއްގައި ކަމަށާއި، އުއްމީދަކީ މި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރުންކަމަށް ސުޒެއިން ބުންޏެވެ. ރާއްޖެ އަދި އިންޑިއާ ވާދަކުރި އެކުވެރިކަމުގެ މެޗަކީ ތަޖުރިބާއެއް ކަމަށް ބަލައި، އެމެޗުން ލިބުނު ފިލާވަޅުތަކުން ހިތްވަރު ލިބިގަނެގެން، ކުރިއަށް އޮތް މެޗަށް ކުޅުންތެރިން ތިބީ ވަރަށް ޖޯޝުގައި ކަމަށް ސުޒެއިން ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ރާއްޖޭގެ ޓީމުން ނިކުންނާނީ ދެ ދުވަހުގެ ފަރިތަކުރުންތަކަށް ފަހުއެވެ. އަންނަ އަންގާރަ ދުވަހަށް މި މެޗު ތާވަލުކޮށްފަވާއިރު، މެޗުގެ ކުޅުން ފެށޭނީ އެ ދުވަހު ހަވީރު 16:00 ގައި ފިލިޕީންސްގައެވެ.

މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މެޗުގެ ޕްރީ-ޝޯވ މެންދުރުފަހު 15:00 ގައި ފެށިގެންދާއިރު، މިޝޯވގައި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ އެނަލިސްޓުން ބައިވެރިވާނެއެވެ. މީގެ އިތުރުން ގައުމީ ޓީމުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ޝޯވއިން ލިބިގެންދާނެއެވެ.

މި މެޗުތައް ދިވެހީންނާ ހަމައަށް ވަގުތުން ގެނެސްދިނުމަށްޓަކައި ޕީއެސްއެމްއިން މެޗުތަކުގެ ރައިޓްސް މިހާރު ގަނެފައިވާއިރު، ދިވެހި ކުޅިވަރު ޕްރޮމޯޓުކޮށް، ބެލުންތެރިންނާ ހަމައަށް ކުޅިވަރުގެ ކަންކަން އެންމެ ތާޒާކޮށް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ޕީއެސްއެމްގެ މެނޭޖުމަންޓުން މައުލޫމާތުދެއެވެ.