ކުޅިވަރު

ވެޓެރަންސް ލީގު: ޕެނަލްޓީގައި ޕޮލިސް ބަލިކޮށް ވިލިމާލެ ފައިނަލަށް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ފައިނަލުން ވިލިމާލެ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ވިލިމާލެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން 6-7 ގެ ނަތީޖާއަކުން ޕޮލިސް ކުލަބު ބަލިކޮށްގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕޮލިސް ކުލަބުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޝާންއެވެ. އަދި 1-0 ގެ ނަތީޖާއަކުން މެޗު ނިމެންދަނިކޮށް ވިލިމާލެ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓީމުގެ ކެޕްޓަން އިސްމާޢީލް މުޙައްމަދެވެ. މިއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި އަޙްމަދު ނާޒު ޑިފެންސް ފަހަތަށް ވައްޓާލި ހިތްގައިމު ބޯޅައަކުން އިސްމާއިލް މުޙައްމަދު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ވިލިމާލެ ޔުނައިޓެޑުގެ ޑިފެންޑަރު އަލީ ޝަރީފަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން މެޗުގެ ދެވަނަ ހާފުގެ ބޮޑުބައި ވިލިމާލެއިން ކުޅެމުންދިޔައީ ކުޅުންތެރިއަކު މަދުކޮށެވެ.

ޕެނަލްޓީގައި ދެޓީމުންވެސް ވަނީ ފުރަތަމަ ފަސް ޕެނަލްޓީ ވައްދާލާފައެވެ. ޕޮލިސް ކުލަބުގެ ހަވަނަ ޕެނަލްޓީ ބޭރަށް ދިއުމުން ވިލިމާލެ މުބާރާތުގެ ފައިނަލަށް ގެންގޮސްދިން ޕެނަލްޓީވެސް ކާމިޔާބުކޮށްދިނީ ޓީމު ޕެނަލްޓީއާ ހަމައަށް ގެނެސްދިން ތަޖުރިބާކާރު ފޯވާޑް އިސްމާޢީލް މުޙައްމަދެވެ.

މުބާރާތުގެ ފައިނަލްގައި ވިލިމާލެ ބައްދަލުކުރާނީ މާދަމާ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ފައިނަލްގައިވެސް ވާދަކުރި ދެ ޓީމު ކަމަށްވާ މުއިވެޔޮ ފްރެންޑްސް އާއި އެންމެ ފަހުގެ ޗެމްޕިއަނުން ހުޅުމާލޭ ވެޓެރަންސް ކުލަބެވެ.