ކުޅިވަރު

ރާއްޖޭގެ ފެށުން ރަނގަޅުކުރަން ޖެހޭ: އައިސަމް


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ފިލިޕީންސްއާ ދެކޮޅަށް ނުކުންނައިރު، ރާއްޖޭގެ ފެށުން ރަނގަޅުކުރަން ޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ބުނެފިއެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އައިސަމް ބުނީ މިއީ ކޮލިފައިންގެ ފުރަތަމަ މެޗު ކަމުން ކުރިއަށް ދެވޭނީ ނަތީޖާ ރަނގަޅު ކޮށްގެން ކަމަށެވެ.

"ރަނގަޅު ނަތީޖާ އެއް ހޯދުން މުހިންމު. ރަނގަޅު ފެށުމެއް ލިބިއްޖެނަމަ އެކަންވާނީ ކުރިއަށްދާން ލިބޭ ފުރުސަތަކަށް،" މާޒިޔާގެ މިޑްފީލްޑް ކުޅުންތެރިޔާ ބުންޏެވެ.

ފިލިޕީންސް އާއި ރާއްޖެ މިއަދު ކުޅޭ މެޗާ ބެހޭ ގޮތުން ކޯޗު އަލީ ސުޒެއިން ބުނީ ރާއްޖެ އާއި ފިލިޕީންސް އެންމެ ފަހުން ބައްދަލުކުރީ 2021 ގައި ކަމަށާއި، އޭރު ފިލިޕީންސް މާ ބޮޑަށް ވަރުގަދަ ކަމަށެވެ.

"އެ މެޗުގައި އަހަރުމެން ކުޅުނުއިރު ފިލިޕީންސް ފެންވަރު މާ ރަނގަޅު. އޭރު އައިސަމްވެސް ޓީމުގައި ހުންނާނެ. އަހަރެން އުއްމީދުކުރަނީ އެ މެޗަށްފަހު މިވީ ދެތިން އަހަރެއްގެ ތެރޭގައި ރާއްޖެވެސް ކުރިއެރުންތަކެއް ހޯދާފައިވާނެ ކަމަށް. އުއްމީދުކުރަނީ ފިލިޕީންސާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް." ކޯޗު ސުޒެއިން ބުންޏެވެ.

ސުޒެއިން ބުނީ އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ރަނގަޅުކުރަން ފަރިތަކޮށްފައިވާނެ ކަމަށެވެ.

ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުތާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:00 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.