އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގައި އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރާނެ ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ބުނީ އިންޑިއާއާ ދެކޮޅަށް މި މަހުގެ 19 ވަނަ ދުވަހު ކުޅުނީ މި މެޗަށް ތައްޔާރުވުމަށް ކަމަށެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
"އެ މެޗުގައި ހެދުނު ގޯސްތައް ވަރަށް ރަނގަޅު ކުރާނަން. އެކަންކަން ފާހަގަކޮށްގެން މި މެޗަށް ނުކުންނާނީ. އަހަރުމެން ވަރަށް މަސައްކަތް ކުރާނަން މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން." ސުޒެއިން ބުންޏެވެ.
ފިލިޕީންސްގެ ނޫސްވެރިއަކު މެޗު ކުޅޭ ދަނޑުގެ ވިނަގަނޑާ ބެހޭ ގޮތުން ސުވާލުކުރުމުން ކޯޗު ސުޒެއިން ބުނީ އޭނާއަށް ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމް ފެނުނީ ދަނޑުގެ ތިންވަނަ ބުރީގައި ހުރެގެން ކަމަށެވެ. އަދި މި ފަހުން ރާއްޖެ ކުޅުނު އެންމެ ފެންވަރު ރަނގަޅު ދަނޑަކީ އިންޑިއާގެ ޝިލޮންގުގައި މި މަހުގެ 19 ވަނަ ދުވަހު ކުޅުނު ދަނޑު ކަމަށާއި، ފިލިޕީންސްގައި މެޗު ކުޅޭ ދަނޑުވެސް އެ ފެންވަރުގެ ދަނޑަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"އަހަރެންނަށް ފެނުނީ ބައެއް ރޮނގުތައް ވެސް ރަނގަޅު ނުކޮށް ހުއްޓާ. އަހަރެން އުއްމީދުކުރަނީ އިންޑިއާގެ ޝިލޮންގުގައި އަހަރުމެން ކުޅުނު ފެންވަރުގެ ދަނޑަށް މި ދަނޑުވެސް ވާނެ ކަމަށް. ޝިލޮންގުގައި ކުޅުނު ދަނޑަކީ މިހާތަނަށް އަހަރުމެން ކުޅުނު އެންމެ ފެންވަރު ރަނގަޅު އެއް ދަނޑު." ސުޒެއިން ބުންޏެވެ.
އޭޝިއަން ކަޕުގެ ކޮލިފައިންފައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖެ އާއި ފިލިޕީންސްގެ އިތުރުން ދެން ހިމެނެނީ ތަޖިކިސްތާނާއި އީސްޓް ޓިމޯއެވެ.
ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުތާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:00 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.