ޚަބަރު

ލެޓްވިއާ އަތުން އިންގްލަންޑް މޮޅުވެއްޖެ


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ލެޓްވިއާއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން އިންގްލަންޑުން ކާމިޔާބުކޮށްފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ހަތްދިހަ ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް އިންގްލަންޑް ނިކުތްއިރު، އެ ޓީމު ވަނީ މިދިޔަ ހަފްތާގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުންވެސް 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އިންގްލަންޑްގެ ކޯޗުކަމާ އަލަށް ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެވަނަ މެޗުގައި އޭނާ ވަނީ ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއަށް ފުރަތަމަ ޓީމުން ފުރުސަތު ދީފައެވެ. މިއީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުން ރީސް ޖޭމްސްއަށް އިންގްލަންޑްގެ ފުރަތަމަ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މި މެޗުގައި އިންގްލަންޑުން ލެޓްވިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލިބުނު ހިލޭ ޖެހުމަކުން ރީސް ޖޭމްސްއެވެ.

ލެޓްވިއާއިން ޑިފެންސަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު މި މެޗުގައި އިންގްލަންޑުން ޖެހި ދެވަނަ ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހެރީ ކޭން އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 105 ވަނަ މެޗުގައި ޖެހި 71 ވަނަ ލަނޑެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 14 މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެބެރޭޗީ އެޒޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތިޖާ 3-0 އަށް ބަދަލުކޮށްފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ވޯލްޑް ކަޕްގެ ކޮލިފައިންގެ ގްރޫޕް ކޭ ގައި ކުޅުނު މި މެޗު ކާމިޔާބުކުރުމާއެކު އިންގްލަންޑް ވަނީ މި ގްރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ޖުމްލަ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމު ހޯދާފަ އެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް އަލްބޭނިއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލެޓްވިއާއަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ސާބިއާ އާއި އެންޑޯރާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޓުޗެލްގެ އިރުޝާދުގެ ދަށުން އިންގްލަންޑް ކުޅުނު ދެ މެޗުން މޮޅުވުމާއެކު އޭނާ ވެފައިވަނީ 2008 ވަނަ އަހަރު ފަބިއޯ ކަޕެއްލޯއަށްފަހު، އިންގްލަންޑާ ހަވާލުވެ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ފުރަތަމަ ކޯޗަށެވެ.