ޚަބަރު

ބްރެޒިލްއާ ދެކޮޅަށް ނުކުންނައިރު ބަދަލުތަކެއް ފެންނާނެ: ސްކަލޯނީ


ދެކުނު އެމެރިކާ ސަރަހައްދުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއާ ދެކޮޅަށް ނިކުންނައިރު ބަދަލުތަކެއް ފެންނާނެ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ސްކަލޯނީ ބުނެފައިވަނީ ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް އެ ޓީމު ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ނަމަވެސް ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ.

"މި މެޗުގައި މެސީ އެއް ނުފެންނާނެ އެހެންކަމުން އޭނާ ނެތްތަން ފޫބައްދަން ޖެހޭނެ. މި ޓީމުގައި ތިބީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އަދި މެސި ނެތް މެޗެއް ވިއްޔާ ކުޅުންތެރިންގެ ފަރާތުން އިތުރު ހިތްވަރެއް ފެނިގެންދޭ." ސްކަލޯނީ ބުންޏެވެ.

"މިދިޔަ ހަފްތާގައި ކުޅުނު މެޗާއި މާބޮޑު ތަފާތެއް ނުފެންނާނެ. ނަމަވެސް ޓީމުން އެކެއް ނުވަތަ ދެ ބަދަލެއް ފެނިގެންގޮސްދާނެ. ޔަގީނުންވެސް ރިޑްރިގޯ ޑިޕޯލް މި މެޗުގެ ފުރަތަމަ ޓީމުގައި ހިމެނޭނެ. އަދި އެ ބަދަލުތައް އެއްކޮށް ނިންމާނީ މިއަދު ބާއްވާ ފަރިތަކުރުންތަކަށްފަހު." ސްކަލޯނީ އިތުރަށް ބުންޏެވެ.

ސްކަލޯނީ އިތުރަށް ބުނެފައިވަނީ ބްރެޒިލް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި ނަމަވެސް މި މެޗުގައި ބްރެޒިލްއިން މެޗުގެ ކޮންޓްރޯލް ހޯދަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މިފަދަ މެޗެއްގައި ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމަށްވެސް ސްކަލޯނާ ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ލިއޮނެލް މެސީ ނުކުޅޭއިރު، މިދިޔަ ހަފްތާގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ. އަނެއްކޮޅުން ބްރެޒިލްގެ ޓީމަށް ނެގުމަށްފަހު ނޭމާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާވެސް މި މެޗުގައި ނުކުޅޭނެއެވެ.

މި މެޗަށް އާޖެންޓީނާ ނިކުންނައިރު, މި މެޗުން ޕޮއިންޓެއް ހޯދައިގެން އެ ގައުމަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކުރެވޭނ އެވެ.

ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި އާޖެންޓީނާ އޮތީ މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެކުއެޑޯއަށް 22 ޕޮއިންޓް ލިބިފައިވާއިރު، ބްރެޒިލްއަށް ލިބިފައިވާ 21 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނަ މަގާމުގައެވެ.