ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަމަށް ދެވަނަ ދައުރަކަށް އެޑްނާލްޑޯ ރޮޑްރިގޭޒް އިންތިޚާބުކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި އިންތިހާބުގައި އޭނާ ދެ ވަނަ ދައުރަކަށް ހޮވުނީ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ ވާދަވެރިއަކު ވެސް ނެތުމުންނެވެ. އެޑްނާލްޑޯއާ ވާދަކުރަން އިންތިހާބަށް ނުކުންނަން ތައްޔާރުވީ ކުރީގެ ފޯވަޑް ރޮނާލްޑޯ އެވެ. ނަމަވެސް ދެ ފަހަރު ބްރެޒިލަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ފޯވަޑް ނަން އަނބުރާ ގެންދިޔައީ އޭނާ އަށް ރީޖަނަލް ފެޑަރޭޝަންތަކުގެ ތާއީދު ލިބޭގޮތް ނުވުމުންނެވެ.
ރޮޑްރިގޭޒް މި ފަހަރުގެ އިންތިހާބު މި ބޭއްވީ އަސާސީ ގަވާއިދުގެ ތެރެއިން ހަނި ފުރުސަތެއް ހޯދައި އިންތިހާބު ބާއްވަންޖެހޭ މުއްދަތަށްވުރެ އެއް އަހަރު ކުރިންނެވެ.
ކޮންގްރެސްގައި ބައިވެރިވި 67 ފަރާތުން ވެސް ވަނީ އެޑްނާލްޑޯ އަށް ތާއީދުކޮށްފައިވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނަނީ މިއީ ވާދަވެރިއަކު ނެތި އަދި އެކަކަށް ހުރިހާ ވޯޓެއް ލިބިގެން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް ރައީސަކު އިންތިހާބުވި ފުރަތަމަ ފަހަރު ކަމަށެވެ.
"މިއަދު ފެނިގެން މިދިޔައީ އަހަރުމެންގެ ތެރޭގައި އޮތް އެކުވެރިކަމާއި ގާތްކަން،" އިންތިހާބު ކާމިޔާބު ކުރުމަށްފަހު ރޮޑްރިގޭޒް ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ ބްރެޒިލްގެ ފުޓްބޯޅައިގެ އޮތީ ރަނގަޅު މަގުގައި ކަމަށާއި ދެފުށް ފެންނަ އުސޫލުތަކެއް ގާއިމް ކުރެވިފައިވާތީވެ އުފާކުރާ ކަމަށެވެ.
"އަހަރުމެންގެ މަސައްކަތް ވަރަށް ސާފު، ބްރެޒިލްގެ ފުޓްބޯޅައިގައި ކަން ހިނގާ ގޮތް ސާފުކޮށް ފެންނަން އޮތުމަކީ އަހަރެން އުފާކުރާ ކަމެއް. މިއަދު އަހަރުމެން އެންމެން މި ދައްކައިދިނީ އެކުވެރިކަމާއެކު މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ރީތި މިސާލެއް. އަހަރުމެންގެ ތެރޭގައި ރަނގަޅު ދެ ފުށް ފެންނަ ނިޒާމެއް އެބައޮތް. އަދި މިއީ 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑްކަޕް ބާއްވަން އަހަރުމެން ކުރަމުންމިދާ މަސައްކަތް ދައްކާލަން ލިބުނު ބާރެއް،" އެޑްނާލްޑޯ ވިދާޅުވި އެވެ.
ރޮޑްރިގޭޒް ވަނީ އިންތިހާބުގައި ވޯޓުލެވޭ ޖުމުލަ އަދަދު ކަމަށްވާ 141 ވޯޓު އެއްކޮށް ހޯއްދަވާފަ އެވެ. ބްރެޒިލްގެ ފުޓްބޯޅައިގެ އިލެކްޓޯރަން ކޮލެޖް އެކުލެވިގެންވަނީ ރީޖަނަލް ފެޑަރޭޝަންތަކާއި ކުލަބުތަކަށް ވެސް ވޯޓުލެވޭ ގޮތަށެވެ. މި ގޮތުން 27 ރީޖަނަލް އެސޯސިއޭޝަނުގެ ތެރެއިން ކޮންމެ ބަޔަކަށް ވެސް ތިން ވޯޓު ލެވެ އެވެ. އަދި ބްރެޒިލް ލީގުގެ ޕްރެމިއާ ޑިވިޝަނުގެ 20 ކުލަބު ކުރެ ކޮންމެ ބަޔަކަށް ވެސް ދެ ވޯޓު އަދި ދެ ވަނަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް އެއް ވޯޓު ލެވޭނެ އެވެ. މިއީ ރޮނާލްޑޯ ވަރަށް ބޮޑަށް ދެކުޅު ހަދަމުންދިޔަ ފޯމިއުލާއެކެވެ.
ރޮނާލްޑޯ ބުނީ ދުނިޔޭގެ އެންމެ ކާމިޔާބު ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނަށް އެންމެ މީހަކު ވާދަ ކުރުމުން ކަންކަން ހުރި ގޮތް އެންމެނަށް ވެސް އެނގޭ ކަމަށެވެ. އަދި މިއީ އިއްތިފާގެއް ވެސް ނޫން ކަމަށެވެ.
"އަހަރެންގެ ހަޔާތް އޮތީ ފުޓްބޯޅައިގައި. އަހަރެން ބްރެޒިލްގެ ފުޓްބޯޅަ ރަނގަޅު ކުރަން ހުށަހެޅި ޕްލޭނަށް ތާއިދެއް ނުލިބުނު. ކުރިމަތިލާން ކެމްޕޭން ފެށިއިރު ވެސް އަހަރެންނަށް އެނގޭ މިއީ ފަސޭހަކަމެއްނޫންކަން. އެކަމަކު މިއީ ނުވާނެ ކަމެއް ކަމަށް އަހަރެން ހިއެއް ނުކުރަން. މިހާރު މި އޮތް ސިސްޓަމުން އިތުރު މީހަކަށް ފުރުސަތު ލިބުން ދުރު،" ރޮނާލްޑޯ ބުންޏެވެ.