ކުޅިވަރު

ދެ ޓީމުގެ ތަފާތަކީ ފިލިޕީންސްގެ ރަށްވެހިކަން ދީފައިވާ ކުޅުންތެރިން: ސުޒެއިން


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވުމުގެ މައިގަނޑު ސަބަބަކީ އެ ގައުމަށް ކުޅުވަން ރަށްވެހިކަން ދީފައިވާ ކުޅުންތެރިން ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފި އެވެ.

މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ ދެ ޓީމުގެ މައިގަނޑު ތަފާތަކީ ވެސް އެ ކުޅުންތެރިން ކަމަށެވެ.

"ދެ ޓީމަށް ބަލާއިރު ފިލިޕީންސް މާ މޮޅު މި މެޗުގައި ހާއްސަކޮށް ދެ ވަނަ ހާފުގައި. އެމީހުން މޮޅަށް ކުޅެފައި (ފަހު) ދެ ގޯލު ޖެހީ. އަދި އެއީ އަހަރުމެންގެ ކުޅުންތެރިންގެ ހެދި ވަރަށް ބޮޑެތި ގޯސްތަކަކުން ޖެހި ގޯލުތަކެއް. އަހަރެންނަށް ހީވަނީ ދެ ޓީމުގެ ތަފާތަކީ ފިލިޕީންސް ޓީމުގައި ތިބި ނެޗުރަލައިޒް (ރަށްވެހިކަން ދީފައިވާ) ކުޅުންތެރިންހެން،" ސުޒެއިން ބުންޏެވެ.

އޭނާ އަދި ބުނީ މިއީ މިހާރު ދުނިޔެގެ ފުޓްބޯޅައިން ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށާއި ރަށްވެހިކަން ދީގެން ކުޅުވުމަކީ ރާއްޖެ އާއި ސްރީލަންކާ އަދި ފިލިޕީންސް ކަހަލަ ކުދި ގައުމުތަކަށް ލިބޭނެ ފައިދާއެއް ކަމަށެވެ.

"އަހަރެން މި ދައްކާ ވާހަކަ ގޯސްކޮށް ނުނެގުން އެދެން. އަހަރެން ނެޗުރަލައިޒް ކުޅުންތެރިންނަށް އިހްތިރާމް ކުރަން. މިވަގުތު މި މެޗުގައި ނެޗުރަލައިޒް ކުޅުންތެރިންގެ އެޑްވާންޓޭޖް އޮތީ ފިލިޕީންސަށް. އެމީހުން މި އެޑްވާންޓޭޖް ނަގަންވެސް ޖެހޭނެ. އެކަމަކު މިކަން ކުރަން ރާއްޖެ އަދި ތައްޔާރެއްނޫން. އަހަރެން މި ބުނާ ވާހަކަ އަކީ މީގެ ސަބަބުން މި މެޗުގައި ދެ ޓީމުގެ ތަފާތަކަށް ފެނުނީ އެ ކުޅުންތެރިންނޭ،" ސުޒެއިން ބުންޏެވެ.

ފިލިޕީންސްގެ ގައުމީ ޓީމުގައި ރަށްވެހިކަން ދީފައިވާ ބައެއް ކުޅުންތެރިންނަކީ އެހެން ގައުމުތަކުގައި ދިރިއުޅުނު އެކަމަކު އެކުޅުންތެރިންގެ މައިންބަފައިން ނުވަތަ ކާފަ އާއި މާމަ ފަދަ މީހުން ފިލިޕީންސަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ސައުދީ އަރަބިއްޔާގައި 2027 ގައި އޮންނަ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ދެން ބައްދަލުކުރާނީ އަންނަ ޖޫން މަހު 10 ވަނަ ދުވަހު ތަޖިކިސްތާނާއެވެ.