2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ވާދަކުރުމަށް ޗައިނާއިން ދެކެމުން އަންނަ ހުވަފެނަކީ ބިލާހެއް ކަމަށާއި، ޗައިނާއިން ކުރަމުން އަންނަ އުއްމީދު މިހާރު އޮތީ "ކޯމާ" އަކަށް ގޮސްފައި ކަމަށް މީޑިއާތަކުން ބުނަން ފަށައިފިއެވެ.
ޗައިނާ ޓީމަށް މީޑިއާއިން ކިޔަމުންދާ ފާޑުކިއުންތަކަށް ރައްދުދެމުން އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ބްރަންކޯ އިވަންކޮވިޗް ބުނެފައިވަނީ އަދިވެސް އެ ޓީމުގެ އުއްމީދު ފަނޑުނުވާ ކަމަށާއި، ހުވަފެން ހަގީގަތަކަށް ހަދަން އަދިވެސް ހިތްވަރުކުރާނެ ކަމަށެވެ. އިވަންކޮވިޗް މިހެން ބުނެފައިވާއިރު، ޗައިނާ އޮތީ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ބައްރުގެ ގްރޫޕް ސީގެ ފުލުގައެވެ. އަދި އޮސްޓްރޭލިއާގެ އިތުރުން ސައުދީ އަރަބިއްޔާ އަތުންވެސް ބަލިވެ ޗައިނާއިން ވަނީ ފާއިތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ވިދިވިދިގެން ދެ ނާކާމިޔާބާ ކުރިމަތިލާފައެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޖާގަ، 32 ޓީމުން 48 ޓީމަށް އިތުރުކުރުމާއެކު، ޗައިނާއިން ވަނީ ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކުރުމަށް ތައްޔާރުވާން ފަށާފައެވެ. ޗައިނާއަށް މިހާތަނަށް ވޯލްޑް ކަޕުން ފުރުސަތު ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ދެކުނު ކޮރެއާ އަދި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕޮއިންޓް ތާވަލުގެ ތިންވަނައިގައި ޗައިނާ އޮތީ އެންމެ ޕޮއިންޓެއް މަދުން ލިބިގެން ދެވަނައިގައި އޮތް އޮސްޓްރޭލިއާގެ ފަހަތުގައެވެ. އެހެން ނަމަވެސް މިދިޔަ ހަފުތާގައި ސައުދީ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމާއި، އަންގާރަ ދުވަހު އޮސްޓްރޭލިއާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ޗައިނާއަށް ވަނީ ވޯލްޑް ކަޕުގެ ސީދާ ކޮލިފިކޭޝަންގެ އުއްމީދު ކުޑަވެފައެވެ.
އޭޝިއާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ތިން ގްރޫޕެއް ހިމެނޭއިރު، ކޮންމެ ގްރޫޕަކުންވެސް ގަދަ ދެ ޓީމު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް ސީދާ ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ހޯދާ ގައުމުތައް އަލުން ޖެހޭނީ އޮކްޓޯބަރު މަހަށް ތާވަލުކޮށްފައިވާ ކޮލިފައިންގެ ހަތަރުވަނަ ބުރުގައި ވާދަކުރާށެވެ.
ޖޫން މަހު އިންޑޮނޭޝިއާ އަދި ބަހްރެއިންއާ ދެކޮޅަށް ކުޅެން ޖެހޭ ދެ މެޗުން ތަފާތެއް ދައްކާނެ ކަމަށާއި، ޓީމުން ތިބީ މެޗުތައް ކާމިޔާބުކުރުމަށް އައު ހިތްވަރަކާއެކު ކަމަށް ކޯޗު ވަނީ ބުނެފައެވެ. "ކުރިއަށް އޮތީ ވަރަށް މުހިންމު ދެ މެޗު. އުއްމީދަކީ ދެމެޗުންވެސް ކާމިޔާބު ހޯދުން" އިވަންކޮވިޗް ބުންޏެވެ.
އޮސްޓްރޭލިއާއާ ވާދަކޮށް ބަލިވި މެޗާ ގުޅޭގޮތުން ކޯޗު ބުނީ އެއީ ބޭނުންވި ނަތީޖާ ނޫންކަމަށާއި، އޮސްޓްރޭލިއާއިން މޮޅު ކުޅުމެއް ދައްކާ ދެ ލަނޑުގެ ލީޑެއް ނެގީ ފުރަތަމަ ހާފުގައި ކަމަށެވެ. ދެވަނަ ހާފުގައި މޮޅަށް ކުޅުނީ ޗައިނާއިން ކަމަށާއި، ނަސީބު ދެރަކަމުން ލަނޑެއް ޖެހޭގޮތް ނުވީކަމަށް އިވަންކޮވިޗް ބުންޏެވެ.
އިވަންކޮވިޗް އިތުރަށް ބުނީ ޖޫން މަހަށް ތާވަލުކޮށްފައިވާ މެޗުތައް ފެށުމުގެ ކުރިން ޓީމުގެ ފޯވާޑް ލިން ލިއަންގްމިން އާއި މިޑްފީލްޑަރު ވަންގް ޝަންގްޔުއާން ސަސްޕެންޝަނުން ވީއްލޭނެ ކަމަށެވެ. އަދި އުއްމީދަކީ މިވަގުތު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި ފޯވާޑް ވޫ ލެއި އަދި ޑިފެންޑަރު ޓަޔަސް ބްރައުނިންގެ އިތުރުން ޒޫ ޗެންޖީވެސް އަނިޔާއިން ރަނގަޅުވެ، އަވަހަށް ޓީމާ ގުޅެ، ސްކޮޑް ވަރުގަދަވުން ކަމަށް އިވަންކޯވިޗް ފާހަގަކުރިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަދި އިންޑޮނޭޝިއާ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ ޖޫން މަހުގެ ފަސްވަނަ ދުވަހު ޖަކާޓާގައެވެ. އެއަށްފަހު ބަހްރެއިންއާ ދެކޮޅަށް ޗައިނާއިން ނިކުތުމަށް ތާވަލުކޮށްފަވަނީ އޭގެ ފަސް ދުވަސް ފަހުންނެވެ.