ބްރެޒިލްގެ ނަތިޖާތައް ރަނގަޅުނުވެ ދިގުލައިދާތީވެ ކޯޗު ޑޯރިވޯލް ޖޫނިއާގެ މަގާމާމެދު ގޮތެއް ނިންމަން މާދަމާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ބްރެޒިލް މިވަގުތު އޮތީ ދެކުނު އެމެރިކާ ކޮލިފައިންގެ ގްރޫޕުގެ ހަތަރު ވަނާގަ އެވެ. މިހާތަނަށް 14 މެޗު ކުޅެގެން ލިބިފައިވަނީ 21 ޕޮއިންޓެވެ. މޮޅުވީ ހަ މެޗުންނެވެ. ފަސް މެޗުން ބަލިވެ އަނެއް ތިން މެޗުވީ އެއްވަރެވެ. އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕަށް ދެކުނު އެމެރިކާއިން ހަ ގައުމު ކޮލިފައިވާތީވެ ބްރެޒިލް މުބާރާތުން ކެޓުމަކީ ދުރު ކަމެކެވެ. ނަމަވެސް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ކަންތައް ބޮޑުވީ ގައުމީ ޓީމުގެ ނަތީޖާތައް ގޯސްވެ، ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވުމުންނެވެ.
މިކަން އެންމެ ބޮޑުވީ މި ހަފުތާގައި އާޖެންޓީނާ އަތުން 4-1އިން ބަލިވުމުންނެވެ. އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައިވީ ބްރެޒިލް ބަލިކޮށްފަ އެވެ. މިއީ ބްރެޒިލްގެ ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތިވި ނަތީޖާއެކެވެ. އަދި މިއާއެކު ބައެއް ސީނިއާ ކުޅުންތެރިން ވެސް ވަނީ ޓީމުގެ ހުރިހާ ކަމެއް ވެސް ބަދަލު ކުރަން ޖެހިފައިވާ ކަމަށް ބުނެ ޒާތަކަށް ފާޑުކިޔާފަ އެވެ. މީގެ ތެރޭގައި ރެއާލް މެޑްރިޑަށް ކުޅޭ ފޯވަޑް އަދި ފީފާއިން ހޮވި ހުސްވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ ހިމެނެ އެވެ.
މިހާތަނަށް ފަސް ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އަދި ދުނިޔޭގެ އެންމެ ކާމިޔާބު ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން މާދަމާ ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނީ މިހާރުގެ ކޯޗުގެ ބަދަލުގައި ހޯދާނެ އައު ކޯޗަކާ މެދުގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޓީމާ ހަވާލުވި ކޯޗު މަގާމުން ވަކިކުރާނީ މޮޅު ކޯޗަކު ލިބިއްޖެނަމަ އެވެ.
ބްރެޒިލްގެ ޝޯޓް ލިސްޓުގައިވާ ކޯޗުންގެ ތެރޭގައި ތިން ކޯޗަކު ހިމެނެ އެވެ. އެއީ ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީ އާއި ބްރެޒިލްގެ ފްލެމިންގޯގެ ކޯޗު ފިލިޕް ލުއިސް އާއި ސައޫދީ އަރަބިއާގެ އަލް ހިލާލްގެ ކޯޗު ޖޯޖް ޖެސޫސް އެވެ. މީގެ ތެރެއިން އެންމެ ކާމިޔާބު ކޯޗަކީ އެންޗެލޯޓީ އެވެ. އޭނާ ރެއާލް މެޑްރިޑާއެކު ހުސްވި އަހަރު ކޮންޓްރެކްޓް އައު ކުރީ ބްރެޒިލްގެ ފެޑަރޭޝަނާއެކު ދެކެވުނު ވާހަކަތައް ކޮޅެއްގައި ނުޖެހުމުންނެވެ.
ޑޯރިވޯލްއާ ގާތް ފަރާތްތަކުން ބުނަނީ އޭނާ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އިޝާރާތެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ނަތީޖާ ގޯސްވާއިރު ޒިންމާއިން ރެކި ނުގަންނާނެ ކަމަށާއި އަބަދުވެސް ބަލާނީ ބަލިވުމުން ދެން އޮތް މެޗަށް ކަންކަން ރަނގަޅު ކުރަން ކަމަށެވެ.
ބްރެޒިލަށް ވޯލްޑްކަޕް އެންމެ ފަހުން ލިބުނީ 2002 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ ވޯލްޑްކަޕެއްގައި އެ ގައުމު މުބާރާތުން ކަޓަކީ އެކަށީގެންވާ ކުޅުމެއް ނުދެއްކި އެވެ. މިކަމާހުރެ ބްރެޒިލްގެ ކުރީގެ ތަރިންގެ ފާޑުކިއުން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. މި ގޮތުން ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް އިންތިހާބުގައި ބަލިކުރަން ކުރީގެ ފޯވަޑް އަދި ސްޕޭނުގެ ރެއާލް ވަޔަޑޮލިޑްގެ ރައީސް ރޮނާލްޑޯ ވެސް ނުކުންނަން ނިންމި އެވެ. ނަމަވެސް ފަހު ވަގުތު އޭނާ ނަން އަނބުރާ ގެންދިޔައީ އެޑްނާލްޑޯގެ ނުފޫޒު ލޯކަލް ފެޑަރޭޝަންތަކަށް ފެތުރިފައި އޮތްލެއް ބޮޑުކަމުން ކުރިއަށް ނުދެވިގެންނެވެ.