ޚަބަރު

"އެވެރިން" ސިލްސިލާގެ މިރޭގެ އެޕިސޯޑް ޚާއްސަކޮށްފައިވަނީ އަފްއާލްގެ ދެމަފިރިކަނބަލުންނަށް


"އެވެރިން" ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑް، މިއެޕިސޯޑު ޚާއްސަކުރީ އަފްއާލްގެ ދެމަފިރިކަނބަލުންނަށް/ ފޮޓޯ: ޕީއެސްއެމް ނިއުސް

ޕީއެސްއެމް ނިއުސްއިން މި ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދޭ "އެވެރިން" މިސިލްސިލާގެ ތިން އެޕިސޯޑެއް މިހާރު ވަނީ ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައެވެ. މި ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑް މިރޭ 22:00ގައި ޕީއެސްއެމް ނިއުސްއިން ގެނެސްދޭނެއެވެ.

މި ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑް ޚާއްސަކޮށްފައިވަނީ އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްއާލްގެ ދެމަފިރިކަނބަލުންނަށެވެ. މިޕްރޮގްރާމްގެ ތެރެއިން އަފްއާލްގެ ކެރިއަރ އާއި ދިރިއުޅުމާ ގުޅޭ ޝައުގުވެރި އެތައްވާހަކަތަކެއް ގެނެސްދެވޭނެއެވެ.

"އެވެރިން" ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑް، މިއެޕިސޯޑު ޚާއްސަކުރީ އަފްއާލްގެ ދެމަފިރިކަނބަލުންނަށް/ ފޮޓޯ: ޕީއެސްއެމް ނިއުސް

"އެވެރިން" މި ސިލްސިލާގެ ޕްރޮގްރާމްތަކަކީ ދިވެހި ޤައުމަށް އެކި ރޮނގުރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ވާހަކަތައް ހިމަނައިގެން ގެނެސްދޭ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އެންމެ ތަފާތު އަދި ޚާއްސަކަމަކީ އެހެން ޕްރޮގްރާމްތަކާ ޚިލާފަށް މެހުމާނާއެކު އޭނާގެ ހަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލާ މެންބަރުންވެސް ބައިވެރިވުމެވެ.

ސެލެބްރިޓީ ޓޯކްޝޯއެއްގެ ކޮންސެޕްޓަކަށް ގެނެސްދޭ މިޕްރޮގްރާމަށް ތައްޔާރުކޮށްފައިވާ ސެޓަކީ މިފަހަރު ޕީއެސްއެމްގެ ޓީވީ ޗެނަލަކުން ފެނިގެންދާނެ އެންމެ ބޮޑު އަދި އެންމެ ހިތްގައިމު އެއް ސެޓެވެ.

"އެވެރިން"ގެ ޖުމްލަ 5 އެޕިސޯޑެއް މި ރަމަޟާންމަހު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 22:00 ގައި ޕީއެސްއެމް ނިއުސް އިންނެވެ.