ޚަބަރު

މީގެފަހުން ސްޓޫޑެންޓް ލޯނަށް އިންޓްރަސްޓެއް ނާރާނެ، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ދައްކާކަށް ނުޖެހޭނެ


  • މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމެއް

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ނިންމެވި ނިންމެވުމާއެކު މީގެފަހުން ސްޓޫޑެންޓް ލޯނަށް އިންޓްރަސްޓެއް ނާރާނެކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވައި ނެރުއްވި ބަޔާނުގައި މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ ލޯނުތަކާ ގުޅިގެން ނިންމެވި ނިންމެވުން މިވަގުތުން ފެށިގެން ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައްވެސް ފެށިގެން ކުރިއަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ވުޒާރާއިން ވިދާޅުވީ ނިންމެވުމުން ދައްކައިދެނީ ސައްތައިންސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ފައިސާއާގުޅޭ ކަންތައް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ މިންވަރުކަމަށެވެ.

" މި ފުރުޞަތުގައި، ރައީސުލްޖުމްހޫރިއްޔާ މި ނިންމެވި މުހިންމު އަދި ބޭނުންތެރި ނިންމެވުމަށް އެމަނިކުފާނަށް ތަހުނިޔާއާއި ޝުކުރު ދަންނަވަން" ބަޔާނުގައިވެއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަށް ބަދަލު ގެނެވޭނޭކަމަށެވެ. އެގޮތުން އެ ވުޒާރާއިން ކުރިއަށް އޮތް ތަނުގައި ދޫކުރާ އެންމެހައި ސްޓޫޑެންޓް ލޯނުތައް އަނބުރާ ދައްކާއިރު، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ފައިސާއެއް ނުނަގާނެކަމަށާއި އަދި ސްޓޫޑެންޓް ލޯނުތައް އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިމްމެވުން ތަންފީޒު ކުރުމަށްޓަކައި، އެ ވުޒާރާއިން މިހާތަނަށް ދޫކޮށްފައިވާސްޓޫޑެންޓް ލޯނުތަކުން އެޑްމިނިސްޓްރޭޓިވް ފީގެ 1 އިންސައްތަ އުނިކޮށް އެ ލޯނުތަކަށް އަނބުރާ ދައްކަން ޖެހޭ ޢަދަދު އެޖަސްޓް ކުރެވޭނެކަމަށެވެ..