ޚަބަރު

ފިޠުރު ޒަކާތް ދެން ބަހާނީ ހުރިހާ ފަގީރުންނަށް އެއްހަމަޔަކުން، ކޮންމެ ފަޤީރަކަށް 4500 ރުފިޔާ!


  • މިއަހަރު ފިޠުރު ޒަކާތަށް މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވޭ

  • ކުރިން ފިޠުރު ޒަކާތް ބަހަނީ އެރަށަކުން ލިބޭ އެއްޗެެއް އެރަށެއްގެ ފަގީރުންނަށް ބަހާގޮތަށް

ފުރަތަމަ ފަހަރަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެނަށް، އެއްހަމަޔަކުން ފިޠުރު ޒަކާތް ބަހަން ސަރުކާރުން ނިންމަވައިފިއެވެ. މިއާއެކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެއެވެ.

މިކަން ހާމަކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ 1446ވަނަ އަހަރު ފިޠުރު ޒަކާތް ބަހާނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއްހަމަޔަކުން ކަމުގައެވެ. އެގޮތުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއްކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި މީގެ ކުރިން ފިޠުރު ޒަކާތް ބަހަނީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށެއްގެ ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ބަހާގޮތަށެވެ. އެގޮތަށް ފިޠުރު ޒަކާތް ބަހުމުން ބައެއް ރަށް ރަށުގައި ފަޤީރުންނަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބެނީ ވަރަށް މަދު މިންވަރެއްކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް ސަރުކާރުން މި ގެންނެވި ބަދާލާއެއްގޮތަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ އެންމެނަށް އެއް ހަމައަކުން ފިޠުރު ޒަކާތް ބަހަން ފެށުމުން މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި ފިޠުރު ޒަކާތް ބެހޭނެއެވެ.

މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލެވެ. މީގެ ކުރިން ރާއްޖޭގެ ބައެއް ރަށްރަށުގައި ފަޤީރުންގެ ލިސްޓުގައި ބަޔަކު ހިމެނިފައި ނުވާތީ އެފަދަ ރަށްރަށުން ފިޠުރު ޒަކާތް އެހެން ރަށްރަށުގެ ފަގީރުންނަށްވެސް ދީފައިވެއެވެ. އަދި ބައެއް ރަށްތަކުގެ އާބާދީއާއި ފަޤީރުން ތިބޭ ނިސްބަތުން މާލެ ފަދަ ރަށްތަކާ އަޅާ ބަލާއިރު ނުހަނު މަދު މިންވަރެއްވެސް އެފަދަ ރަށްރަށުގެ ފަޤީރުންނަށް ލިބިފައި ހުރިކަން ފާހަގަކުރެެވެއެވެ.

ފަޤީރުންގެ ދަފްތަރުގައި މިވަގުތު ހިމެނޭ މީހުންގެ ދަފްތަރު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެންމެފަހުން ރިވިއުކޮށްފައިވަނީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަކުރައްވާފައެވެ.

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ޒަކާތުގެ މާތްވެގެންވާ އަޅުކަމާމެދު ދިވެހިންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، ޒަކާތުގެ ބެހުމާއި ބަލައިގަތުމުގެ ނިޒާމު ހަރަދަނާކުރެއްވުމަށް "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޚާއްސަ އިދާރާއެއް އުފައްދަވައިި، ކުރެއްވި މަސައްކަތުން މިދިޔަ 5 އަހަރާ އަޅާބަލާއިރު މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު އެކަނިވެސް، ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު އިތުރުވެފައިވާކަން މޯލްޑިވްސް ޒަކާތު ހައުސްއިން ފާހަގަކުރައްވައެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.

ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.