ޚަބަރު

ދައުލަތުގެ އިސް ވެރިންނާއި ސިޔާސީ ލީޑަރުން ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި


1446ވަނަ އަހަރު ފިޠުރު އީދުގެ ތަހުނިޔާ ދައުލަތުގެ އިސް ވެރިންނާއި ސިޔާސީ ލީޑަރުން ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގެ އިތުރުން، ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ފިތުރު ޢީދުގެ ހެޔޮ ދުޢާ ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފުވެސް ވަނީ ފިޠުރު އީދުގެ ތަހުނިޔާ، ސޯޝަލް މީޑިއާގައި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، އިސްލާމީ އުންމަތަށް އަރިސްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ފިޠުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ފިޠުރު ޢިދުގެ ހެޔޮ އެދުންތައް އަރިސް ކުރައްވަމުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުފާވެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ދަންނަވާކަމަށެވެ.

ފިޠުރު އީދުގެ ތަހުނިޔާ ފޮނުއްވައި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވާފައެވެ. ރައީސް ޞާލިޙްގެ މެސެޖުގައި އުފާވެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި މި ޢީދަކީ އެންމެންގެ ހިތްތަކަށް ނުހަނު އުފާވެރިކަން ގެނުވާނެ ޢީދެއް ކަމުގައި ލައްވުމަށް ދުޢާކުރައްވާކަމަށް ވިދާޅުވިއެވެ.

މާދަމާއަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވައި، އިޢުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގައެވެ.