ބޯނަހުގެ ގޮތުގައި ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޮންމެ ކުޅުންތެރިއަކަށް 9 ލައްކަ ޔޫރޯ ދީފިއެވެ. އެކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މި ގޮތަށް އަމަލުކުރީ މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ރެއާލް ކާމިޔާބުކުރުމުން އެކަމުގެ އިނާމެއްގެ ގޮތުގައެވެ.
ކޮންމެ ކުޅުންތެރިއަކަށާއި ކޮންމެ އޮފިޝަލަކަށް އިނާމް ދިނުމަށް ރެއާލްއިން 40 މިލިއަން ޔޫރޯ ހޭދަކޮށްފައިވާ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
ރެއާލްއިން ވަނީ ހުސްވި އަހަރު ޗެމްޕިއަންސް ލީގުގެ އިތުރަށް ސްޕެނިޝް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. މިކަމުގެ އިނާމެއްގެ ގޮތުން ރެއާލްއިން ކުޅުންތެރިންނަށް އިނާމް ދީފައިވާއިރު އެކުލަބަކީ މިދިޔަ އަހަރު ދުނިޔޭގައި އެންމެ ބޮޑަށް ފައިދާވި ކުލަބުވެސްމެ އެވެ. މި ގޮތުން ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ފުރަތަމަ ފައިދާ އެއް ބިލިއަން ޑޮލަރު ފަހަނައަޅައިދިޔަ ކުލަބަކީ ރެއާލް މެޑްރިޑެވެ.
ރެއާލް އަކީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ވެސް އެންމެ ކާމިޔާބު ކުލަބެވެ. އެ ކުލަބުން ވަނީ މުބާރާތް މިހާތަނަށް 15 ފަހަރު ކާމިޔާބުކޮށްފަ އެވެ.