ޚަބަރު

އާނޯލްޑުގެ ފޯކަސް ހުރީ އަލުން ކުޅުމުގެ ތެރެއަށް އަންނަން: ސްލޮޓް


އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި މި ވަގުތު ހުރި ލިވަޕޫލްގެ ޑިފެންޑަރު ޓެންޓް އެލެކްޒެންޑަރ-އާނޯލްޑުގެ ހުރިހާވެސް ފޯކަހެއް މި ވަގުތު ހުރީ އަނިޔާއިން ރަނގަޅުވެ، އަލުން ކުޅުމުގެ ތެރެއަށް އަންނަން ކަމަށް އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްލޮޓް ބުނެފައިވަނީ އާނޯލްޑް ހުރީ އަނިޔާގައި ކަމަށާއި، އަނިޔާއިން ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އަންނަން އޭނާއަށް ކުލަބުން އެހީތެރިވަމުންދާ ކަމަށެވެ.

އުމުރުން 26 އަހަރުގެ އެލެކްޒެންޑަރ-އާނޯލްޑް އަށް އަނިޔާ ވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

ސްލޮޓް ބުނީ އާނޯލްޑް ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ކަމަށާއި، ނަމަވެސް މިހާރު އޭނާގެ ފޯކަސް ހުރީ އަނިޔާއިން ރަނގަޅުވެ ވީހާވެސް އަވަހަކަށް އަލުން ކުޅުމުގެ ތެރެއަށް އަންނަން ކަމަށެވެ. އަދި އެކަމަށް ކްލަބުން އެހީތެރިވަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

"އޭނާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި އެހެން ނޫންނަމަ އެންމެ ފަހުން އިންގްލެންޑް ކުޅުނު މެޗުގައި އޭނާ ދައްކާނެ ކުޅުމަކާއި ގުޅޭ ގޮތުން ގިނަ ބަޔަކު ވާހަކަ ދައްކާނީ. ނަމަވެސް މިހާރު އޭނާގެ ފޯކަސް ހުރީ އަނިޔާއިން ރަގަޅުވެ ވީހާވެސް އަވަހަކަށް އަލުން ކުޅުމުގެ ތެރެއަށް އަންނަން. އަދި އެކަމަށް ކްލަބުން ދަނީ އެހީތެރިވަމުން." ސްލޮޓް ބުންޏެވެ.

އެލެކްޒެންޑަރ-އާނޯލްޑްގެ ވާހަކަ މީޑިޔާގައި ދެކެވެމުންދަނީ މި ސީޒަނުގެ ނިޔަލަށް އޭނާ ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު ލިވަޕޫލް ދޫކޮށް އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާ ވާހަކަ މީޑިޔާގައި ދެކެވެމުންދާތީ އެވެ.

އާނޯލްޑާއެކު ލިވަޕޫލްއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އެ ޓީމުގެ އިތުރު މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ މުހައްމަދު ސަލާހު އާއި ޑިފެންޑަރ ވެންޑައިކްގެ އެގްރިމެޓްވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި މި ތިން ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އައު ކުރުމުގެ މަސައްކަތް ލިވަޕޫލް އިން ކުރަމުން ނުދާ ކަމަށްވަނީ ރިޕޯޓް ކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހު މުހައްމަދު ސަލާހު ބުނެފައިވަނީ ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމަކީ ވަރަށް ދުރުގައިވާ ކަމެއް ކަމަށެވެ. އަދި މިދިޔަ މާޗް މަހު ވެންޑައިކް ބުނެފައިވަނީ އޭނާގެ އެއްބަސްވުން އައު ކުރުމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ ކަމަށެވެ.

ސްލޮޓް ބުނީ މި ތިން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް މި ސީޒަނުގައި ފެނިގެންދާއިރުވެސް އެއްބަސްވުން އައު ކުރުމާއި ގުޅޭ ގޮތުން ވަކި ތަފާތު ހާލަތެއް އޭރުވެސް ނެތް ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ޓީމަށް އިތުރު ގެއްލުމެއް ކުރިމަތިވާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.