ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދައިފިއެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދި ފުރަތަމަ ފަހަރެވެ.
ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގައި 29 ޓީމެއް ވަނީ ވާދަކޮށްފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅެފައިވަނީ ރެއެވެ. ރޭ ކުޅުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ވަނީ ފައިނަލް މެޗު ބައްލަވާލައްވާފައެވެ.
ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗު ޓީއެފްޓީން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ކާސިންޖީ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ގޭމް 11-7 އިން ކާމިޔާބުކުރީ އެތެރެއިން ކުޅެމުން ދިޔަ ޓީއެފްޓީންނެވެ. އަދި ދެވަނަ ގޭމު 7-7 އިން އެއްވަރުކޮށް ޓީއެފްޓީ ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައެވެ.
މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދީ ލޮރެންޒޯ ސްޕޯޓްސް ކުލަބުންނެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ގަދަ ހިފުމުގައި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރި ޒެޕޯ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ގޭމު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޭރުން ކުޅެމުން އައި ޒެޕޯއެވެ. އެކަމަކު ލޮރެންޒޯއިން ވަނީ ދެވަނަ ގޭމު 10-4 އިން ގެންގޮސްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ގަދަ ހިފުމަށްދިޔައިރު، ލޮރެންޒޯއިން ވަނީ ފުރަތަމަ ދެ ހިފުންވެސް ކާމިޔާބުކޮށްފައެވެ.
ސެމީ ފައިނަލް މެޗުތަކަށްފަހު މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅުނުއިރު، ފައިނަލް މެޗު ޓީއެފްޓީން ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ގޭމުންނެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ގޭމު އެތެރެއިން ކުޅެމުން އައި ޓީއެފްޓީން ވަނީ 9-3 އިން ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ގޭމު 5-5 އިން އެއްވަރުވުމާއެކު ޓީއެފްޓީއަށް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވެފައެވެ.
މި ފަހަރުގެ މުބާރާތަށް "ޕީއެސްއެމް އެއަރ" މެދުވެރިކޮށް ވަނީ އެންމެ މަގުބޫލް ޓީމާއި އެންމެ މަގުބޫލް ކުޅުންތެރިޔާ ހޮވުމަށް ހުޅުވާލާފައެވެ. އެގޮތުން އެންމެ މަގުބޫލް ކުޅުންތެރިޔަކަށް ކުޑަ ހެންވޭރު ލަޔަންސްގެ އިބްރާހީމް ލުބާން ހޮވުނުއިރު، އެންމެ މަގުބޫލް ޓީމަކީ ކުޑަ ހެންވޭރު ޔުނައިޓެޑެވެ.
މި ފަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމަކީ ޗެމްޕިއަންކަން ހޯދި ޓީއެފްޓީއެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު އެ ޓީމުގެ ކޯޗު އަޙްމަދު ނާޒިމް ހޯދިއިރު، މި އަހަރުގެ މިސްޓަރ ބައިބަލާގެ މަގާމު ހޯދާފައިވަނީ ލޮރެންޒޯގެ އަބްދުﷲ ނިޝާންއެވެ. މިއީ އޭނާ މިސްޓަރ ބައިބަލާގެ މަގާމު ހޯދި ތިންވަނަ ފަހަރެވެ.
ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އެވެ. ޕީއެސްއެމްގެ ޔެސް ޓީވީން ވަނީ މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ގެނެސްދީފައެވެ.