ކުޅިވަރު

އަލަށް ގާއިމުކުރާ ސްވިމިން ޕޫލްގެ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި


ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ގާއިމުކުރާ ބައިނަލްއަގުވާމީ ސްވިމިން ޕޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްލަވާލައްވައިފިއެވެ.

އަލަށް ގާއިމުކުރާ ސްވިމިން ޕޫލް ހިމެނޭ ސަރަހައްދަށް ވަޒީރު ރާފިއު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ. މިއީ އަމިއްލަ ފަރާތަކާއި އެކު ސްވިމިން އެސޯސިއޭޝަނުން އިސްނަގައިގެން ގާއިމު ކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒް ސްވިމިންގް ޕޫލެކެވެ.

ވަޒީރު ވަނީ މި ޕޫލުގެ އެންމެ ފަހުގެ މަސައްކަތް ދާގޮތް އޮޅުންފިލުއްވައި މިހާރު ކުރަން ހުރި ބައެއް މަސައްކަތް އޮޅުންފިލުއްވާފައެވެ. އަލަށް ގާއިމުކުރާ 50 މީޓަރު ސްވިމިންގް ޕޫލުގެ މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން އަޅައި ބޭސް ގާއިމު ކުރުމުގެ މަސައްކަތެވެ.

ހަތަރު ބުރިއަށް ހަދާ މި ސްވިމިންގް ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ސްވިމިންގެ ތަމްރީންތަށް ކުރިއަށްގެންދެވޭ ގޮތަށެވެ. ވަރުގަދަ ފައުންޑޭޝަނެއް އަޅާ އޭގެ މަތީ ބޭސް ގާއިމުކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ސްވިމިންގް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އަލަށް ގާއިމުކުރާ ސްވިމިންގް ޕޫލުގައި ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ތަކެތި ގެނެސްފައިވަނީ އަމިއްލަ ގޮތަކަށް ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެންނެވެ. ޕޫލު އެތުރުމުގެ ކުރިން ކޮންކްރީޓް ބޭސް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްވިމިންގް އެސޯސިއޭޝަނުން ހާމަކުރިއެވެ.

ހުސްވި އޭޕްރީލް މަހުގައި މަސައްކަތް ފެށި އާ ސްވިމިންގްޕޫލުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފަވަނީ މިއަހަރުގެ ނޮވެންބަރު މަހުއެވެ. މި ޕޫލް ގާއިމުކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އާ ޕޫލް އަޅަނީ މިހާރު ހުޅުމާލޭގައި އޮތް ސްވިމިންގ ޕޫލާއި ޖެހިގެން އޮތް ބިމުގައެވެ.