ކުޅިވަރު

ރާއްޖޭން ބައިވެރިވާ އެންމެ މުހިންމު ދެ މުބާރާތުގެ ޓްރައަލް މިއަދު


މި އަހަރު ރާއްޖޭގެ ފެތުންތެރިން ބައިވެރިވާ އެންމެ މުހިންމު ދެ މުބާރާތުގެ ޓްރަޔަލް މިއަދު އޮންނާނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މިއަހަރު ރާއްޖޭއިން ވާދަކުރާ އެންމެ މުހިންމު ބައިނަލްއަގުވާމީ ދެ މުބާރާތަކީ ޖުލައި މަހު ފަހުކޮޅު ސިންގަޕޫރުގައި އޮންނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕާއި، އޮގަސްޓް މަހު ތެރޭގައި ރުމޭނިއާގައި އޮންނަ ވޯލްޑް ޖުނިއަރ އެކުއަޓިކްސް ޗެމްޕިއަންޝިޕެވެ.

މި ދެމުބާރާތައް ދާނެ ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްތަކާ ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ މިއީ އިއުލާންކޮށްގެން ބާއްވާ ޓްރަޔަލްތަކެއް ކަމަށެވެ.

މިޓްރަޔަލްގެ ނަތީޖާތަކަށް ބެލުމަށްފަހު އަލަށް ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އިސްމާޢީލް ފާހަގަކުރެއްވއެވެ.

"މި ޓްރަޔަލް ހުރިހާ ފެތުންތެރިންވެސް ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން، ހުސްވި ރަމަޟާން މަހުވެސް ވަރަށް ރަނގަޅަށް ގަވާއިދުން ޓެރޭނިންގްތައް ކުރިއަށް ގެންދިޔަ." އިސްމާޢީލް ވިދާޅުވިއެވެ.

ޓްރަޔަލްގެ ނަތިޖާއިން މި ދެ މުބާރާތައް ފެތުންތެރިން ހޮވިގެންދާއިރު އޭގެތެރެއިން ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވަކި އުމުރެއް ނެތްކަން އިސްމާޢީލް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ޖޫނިއަރ މުބާރާތުގައި ބައިވެރިވެވޭނީ 2007 ވަނަ އަހަރާއި 2011 ވަނަ އަހަރުން ފެށިގެން އުފަންވެފަ ތިބި ކުދިންނަށްކަން އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕާއި، ވޯލްޑް ޖުނިއާ އެކުއަޓިކްސް ޗެމްޕިއަންޝިޕްގެ ޓްރަޔަލްތައް ހުޅުމާލެ ސްވިމިން ޕޫލުގައި ކުރިއަށް ދާނީ މިމަހުގެ 8 އިން 11 ގެ ނިޔަލަށެވެ.