ރެއާލް މެޑްރިޑުގެ ހުރިހާވެސް ވިސްނުމެއް މި ވަގުތު ހުރީ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނެފައިވަނީ ދަނޑުން ބޭރުގައި އެ ކްލަބާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު ނަމަވެސް އެކަމާއި މެދު މިވަގުތު ވިސްނަން ބޭނުންނުވާ ކަމަށެވެ.
"ދަނޑުން ބޭރުގައި އަބަދުވެސް ފާޑު ކިޔާނެ. އަދި އެކަމާއިމެދު މިހާރު ވިސްނުމެއް ނެތް. ވެލެންސިއާ އަތުން ބަލިވި މެޗަށްފަހު ރަގަޅު ކުރަންޖެހޭ ކަންތައްތައް ރަގަޅުކޮށް މިހާރުގެ ހުރިހާވެސް ވިސްނުމަކީ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗު." އަންޗެލޮޓީ ބުންޏެވެ.
ރެއާލް މެޑްރިޑުން ފަހަކަށް އައިސް ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީ ސަޕޯޓަރުންގެ ފާޑުކިއުންތަކާއި ކޯޗަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އަންޗެލޮޓީ އިތުރަށް ބުނެފައިވަނީ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗަކީ މުހިންމު މެޗެއް ކަމަށާއި ނަމަވެސް އަދި ހަފްތާއެއް ފަހުން އިތުރު 90 މިނިޓު ކުޅެން ޖެހޭނެ ކަމަށެވެ.
"މިރޭގެ މެޗަކީ އަދި ނަތީޖާ ނެރޭނެ މެޗެއް ނޫން. މި މެޗަށްފަހު އަންނަ ހަފްތާގައި ބަރނަބިއުގައި އިތުރު 90 މިނިޓު ކުޅޭނެ. ނަމަވެސް މި މެޗަކީވެސް ވަރަށް މުހިންމު މެޗެއް." އިޓަލީއަށް އުފަން ކޯޗު ބުންޏެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ކޯޗު އަންޗެލޮޓީ ވަނީ އިދިކޮޅަށް ނިކުންނަ އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާއަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން އޭނާ އެވަޓަންގެ ކޯޗު ކަމާއި މީގެ ފަސް އަހަރު ކުރިން ހަވާލުވިއިރު އާސެނަލް އާއި ހަވާލުވެ ފަސް އަހަރުގެ ތެރޭގައި ޔޫރަޕްގެ ގަދަ ބާރަކަށް އާސެނަލް ހަދާފައިވާކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ލަލީގާގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދާފައިވަނީ އެންމެ ދެ މެޗުން ބަލިވެގެންނެވެ. އަދި މި ސީޒަނުގައި އެފަދަ ނަތީޖާތަކެއް އެ ޓީމަށް ހޯދިފައެއް ނުވެއެވެ. ލަލީގާގައި މިހާތަނަށް އެ ޓީމު ވަނީ ފަސް މެޗު ބަލިވެފަ އެވެ.
ނަމަވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް މެޗުން މެންޗެސްޓަރ ސިޓީ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް އަތުން ރެއާލް މެޑްރިޑް ވަނީ މޮޅުވެފަ އެވެ.