ކުޅިވަރު

ރެއާލް މެޗު، ކެރިއަރުގެ އެންމެ ބޮޑު ރެއަކީ މިރޭ: އާޓެޓާ


ކުއާޓާ ފައިނަލުގައި ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމުގައި ސްޕޭނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ޗެމްޕިއަންސް ލީގުގައި އާސެނަލް ކުޅޭ މެޗަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ރޭ ކަމަށް އާސެނަލްގެ ސްޕޭން ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ރެއާލް އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޖުމުލަ 15 ފަހަރު ތަށި ހޯދައިފިއެވެ. އާސެނަލް އަށް އަދި މި ތައްޓެއް ނުލިބެއެވެ. މި މުބާރާތުގައި މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ވެސް އެންމެ ދެ ފަހަރުއެވެ. އެއީ 2006 ވަނަ އަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައެވެ.

"އެއްވެސް ޝައްކެއްނެތް މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ބޮޑު ރޭ. އަހަރެން ފުޓްބޯޅައިގައި އުޅެނީ މިފަދަ ރޭތައް ގެނައުމަށްޓަކައި. އަހަރެން ކޯޗަކަށް މިހުރީ މި ފަދަ މެޗުތަކަށްޓަކައި. ހާއްސަކޮށް މި ކުލަބުގައި،" އާޓެޓާ ބުންޏެވެ.

2019 ވަނަ އަހަރު އާސެނަލްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އާޓެޓާ ވަނީ އާސެނަލްގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.

"20 އަހަރުވެއްޖެނަމަ އަހަރުމެން މިކަހަލަ ވަރުގަދަ މެޗުތައް ކުޅޭތާ. އަހަރެން ދެކޭ ގޮތުގައި މިއީ އަހަރުމެންނަށް އަމިއްލަ ތާރީހެއް ބިނާކޮށް، އައު ސޮފުހާއެއް ލިޔެލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އަހަރުމެން މި ކުލަބުގައި މި ތިބެނީ މި ސަބަބަށްޓަކައި. މި މެޗަށްޓަކައި މި ކުލަބު މިވަނީ ވަރަށް ތައްޔާރުވެފައި. ސަޕޯޓަރުންގެ އެވަނީ ވަރަށް ވަރުގަދަ ރޫހަކާއި ފޯރީގައި. މިއީ ހަގީގަތުގައި ދެމެހެއްޓެނިވި ގޮތެއްގައި އާސެނަލް ފުޓްބޯޅައިގައި ތިބެންޖެހޭނެ ހިސާބު. އަހަރުމެން މި ވަނީ މި މެޗަށް ފުރިހަމަ އަށް ތައްޔާރުވެފައި" އާޓެޓާ ބުންޏެވެ.

ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގުން އާސެނަލް ކެޓީ ވެސް ކުއާޓާ ފައިނަލުންނެވެ. އެއީ ޖަރުމަނުގެ ބަޔާން މިއުނިކް އަތުންނެވެ. އާޓެޓާ ބުނީ އެ މެޗާ ހިލާފަށް މި މެޗުގައި އަމިއްލަ ދަނޑުގައި 60000 މީހުންގެ ކުރިމަތީގައި މޮޅުވެވޭނެ ކަމަށް އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނައިދީފައިވާ ކަމަށެވެ.

މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ދެ ޓީމުގެ އަމިއްލަ ލީގުގެ ފޯމަށް ބަލާއިރު ރެއާލް މެޑްރިޑް މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ދެ ވަނާގައެވެ. އެއީ އެއްވަނާގައިވާ ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުންނެވެ. އާސެނަލް އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ ދެ ވަނަ ޓީމެވެ. މިއީ އެއްވަނާގައިވާ ލިވަޕޫލަށް ވުރެ 11 ޕޮއިންޓް މަދުން ލިބިގެންނެވެ. އަދި ޗެމްޕިއަންސް ލީގުގައި އާސެނަލް އަލުން ކުޅެން ފަށާފައިވަނީ ދިގު ހުސްކަމަކަށްފަހު 2023ގައެވެ.