ޚަބަރު

ރަސްދޫގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފި


  • އިތުރު ފަރުވާއަށް ގެންދިޔައީ އިންޑިއާއަށް

  • އޭނާ ވެންޓިލޭޓަރުން ނެގީ މިދިޔަ ހުކުރު ދުވަހު

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފިއެވެ.

އެ މީހާއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗްގައެވެ. އެ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އައިސް ވެންޓިލޭޓަރުން އޭނާ ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ވެންޓިލޭޓަރުން ނެގި ނަމަވެސް އޭގެ ފަހުންވެސް އޭނާއަށް ފަރުވާ ދެމުން އައީ އައިސީޔޫގައެވެ.

އޭނާގެ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗުން ތަފްސީލެއް ހާމަނުކުރައްވައެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި އޭނާ އިތުރު ފަރުވާއަށް ގެންދިޔައީ އިންޑިއާއަށެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކަށް އަނިޔާވިއެވެ. އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ވެންޓިލޭޓަރުގަައި ފަރުވާދެމުންދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފައެވެ.

އަންހެން މީހާގެ ހަށިގަނޑުގެ %83 ފިހުނު ކަމަށާއި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ފިހިފައިވާކަމަށް މައުލޫމާތުލިބެއެވެ. ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭން ބޭރުން 'ބާން ސްޕެޝަލިސްޓު' ޑޮކްޓަރެއްވެސް ރާއްޖެ ގެނައެވެ.

އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.