ދުންފަތަކީ 7000 އަށްވުރެ ގިނަ ބާވަތެއްގެ ކެމިކަލް ހުންނަ ނުރައްކާތެރި އެއްޗަކަށްވާއިރު، އެގޭތެރެއިން 250 ބާވަތަކީ އިންސާނުންނަށް ނުރައްކާތެރި ކެމިކަލްތަކެކެވެ. އަދި 69 ބާވަތެއްގެ ކެމިކަލަކީ ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ހިމެނޭ ކެމިކަލްތަކެއްކަން ސިއްހީ މާހިރުން ވަނީ ޔަގީންކޮށްދެއްވާފައެވެ. ނުރައްކާތެރި ވިހަ މާއްދާތަކެއް ހިމެނޭ ދުންފަތުގެ ސަބަބުން ނުރައްކާ އޮންނަނީ ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް އެކަނި ނޫންކަމާއި، ދުންފަތުގެ ދުމުގެ އަސަރުކުރާ މީހުންނަށް ވެސް އެކަމުގެ ނުރައްކާ ވަރަށް ބޮޑުކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.
ދުންފަތުގެ އިސްތިއުމާލްކުރުމުގެ ސަބަބުން އަހަރަކު 8 މިލިޔަން މީހުން މަރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު އެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ދުންފަތުގެ އިސްތިއުމާލްކުރުމަކީ ދުނިޔޭގެ އާއްމު ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާކަމަށްވެސް ޑަބްލިޔު އެޗްއޯއިން ބުނެއެެވެ. ސިއްހަތަށް ނުރައްކާތެރި އެއްޗަކަށްވާއިރުވެސް ދުންފަތާއި ދުރުހެލިވާން ގިނަ ބަޔަކަށް އުނދަގޫ ވަނީ ދުންފަތުގައި ހިމެނޭ ނިކޮޓިންއޭ ކިޔުނު މާއްދާގެ ސަބަބުން އެއަށް ދެވި ހިފާފައި ހުންނަ މިންވަރު އިންތިހާއަށް އިތުރުވުމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާއްމުކޮށްފައިވާ މައުލުމާތުތައް ދައްކާގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރާ 1.3 ބިލިއަނެއްހާ މީހުން އުޅެއެވެ. އަދި އޭގެތެރެއިން 80 އިންސައްތަ މީހުންނަކީ އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި އުޅޭ މީހުންކަންވެސް ޑަބްލިޔު އެޗްއޯއިން ފާހަގަކުރެއެވެ. އަދި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ކޮންމެ އަހަރަކު މަރުވާ 8 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތަ އެއްހާ މީހުންނަކީ އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި އުޅޭ މީހުންނެވެ.
ދުންފަތުގެ ނުރައްކާ އޮތީ ހަމައެކަނި ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް ނޫންކަންވެސް މިއީ ސިއްހީ މާހިރުން ފާހަގަކުރައްވާ ކަންބޮޑުވުމެކެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ނުކުރިނަމަވެސް، ދުންފަތުގެ ދުމުގެ އަސަރުކޮށްގެން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ކޮންމެ އަހަރަކު 1.2 މިލިޔަނެއްހާ މީހުން މަރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުން ދުނިޔޭގައި އުޅޭ ކުޑަކުދިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެޢް ބައި ކުދިން ނޭވާލަނީ ދުންފަތުގެ ދުމުން ތައްޔާރުވެފައިވާ ޖައްވެއްގައެވެ. އަދި ކޮންމެ އަހަރަކު ގާތްގަނޑަކަށް 65000 ކުޑަކުދިން ދުންފަތުގެ ދުމުން ކުރިމަތިވާ ނުރައްކާ ސިއްހީ މައްސަލަތަކުގައި މަރުވެއެވެ. އަދި މާބަނޑު ދުވަސްވަރު މައިމީހާ ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ދާއިމީ ސިއްހީ މައްސަލަތަކެއް ކުއްޖާއަށް ކުރިމަތިވާނެކަމެއްކަންވެސް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.
ދުންފަަތުގެ އިސްތިއުމާލްކުރުމަކީ އަތްމަތި ދަތިވެ، ފަގީރުކަމާއި ކުރިމަތިލާން މެދުވެރިވާ ސަބަބެއްކަން ވަނީ ހަމަވެފައެވެ. އެގޮތުން ބައެއް މީހުން ދުންފަތަށް ދެވިހިފާފައި ހުންނަ މިންވަރު ބޮޑުވުމުން، އާއިލާ ނުވަތަ ގޭބީސީގެ އަސާސީ ކަންކަމަށް ހޭދަކުރަން ހުންނަ ފައިސާ ދުންފަތުގެ އިސްތިއުމާލްކުރުމަަށް ހޭދަކުރަން މަޖުބޫރުވާ ހާލަތަށް ދާކަމަށް ތަޖުރިބާކާރުން ފާހަގަކުރެެއެވެ. އަދި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ އުމުރު ކުރުވެ، ނުވަތަ ނުކުޅެދުންތެރިކަމަކާއި ކުރިމަތިލާންޖެހޭއިރު، އެކަމުގެ ސަބަބުން އެ ބަޔަކު ނިސްބަތްވާ އާއިލާތަކަށް ލިބޭ އާމްދަނީ މަދުވެ، އަދި ބޭސްފަރުވާފަދަ ކަންކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވެ، އާއިލާތަކަށް އިތުރު ތަކުލީފުތައް ކުރިމަތިވާކަން އެއީ އަޅުގަނޑުމެންގެ ލޯމަތިން މިހާރުވެސް ފެންނަ މަންޒަރުތަކެވެ.
ސިއްހީގޮތުން ކުރިމަތިވާ ނުރައްކާތަކުގެ އިތުރުން، ދުންފަތުގެ ސަބަބުން އިގްތިސާދީގޮތުންވެސް ގައުމުތަކަށް ގެއްލުންތައް ކުރިމަތިވެއެވެ. އެގޮތުން ފަރުވާގެ ކަންކަމަށް ސަރުކާރުތަކުން ކުރާ ހޭދަ އިތުރުވުމާއި ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގެ އުފެއްދުންތެރިކަން މަޑުޖެހިގެން ކުރިމަތިވާ ގެއްލުންތަކާއެކު، ދުނިޔޭގެ އިގްތިސާދަށް އަހަރަކު 1.4 ޓްރިލިއަން ނުވަތަ 1400 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ދުންފަތުގެ ސަބަބުން ކުރިމަތިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އަދި އެ ގެއްލުމުގެ 40 އިންސައްތަ ހިއްސާކުރަނީ ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދުތައްކަމަށާއި، އެކަމުގެ ސަބަބުން އެ ގައުމުތަކުގެ ތަރައްގީ ދުވެލި މަޑުޖެހި، އިތުރު ގޮންޖެހުންތައް ކުރިމަތިލާންޖެހޭކަންވެސް ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ.
ޑަބްލިޔުއެޗްއޯއިން ބުނާގޮތުން އިގްތިސާދީ ގެއްލުންތައް ކުޑަކޮށް، ދުންފަތުން ކުޑަކުދިންނާއި ޒުވާނުން ދުރުހެލިކުުރުމަަށް ރާއްޖެފަދަ ގައުމުތަކަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ ދުންފަތުން ނަގާ ޓެކްސް ނުވަތަ ޑިއުޓީ ބޮޑު ކުރުމެވެ. އެގޮތުން އާމްދަނީ އެންމެ މަދުން ލިބޭ ގައުމުތަކާއި މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގައި ދުންފަތުގެ އަގު 10 އިންސައްތަ ބޮޑުކުރުމުން، އެ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލްކުރާ ނިސްބަތް ވަނީ 5 އިންސައްތަ މަދުވެފައިވާކަމަށް ޑަބްލިޔު އެޗްއޯއިން ވަނީ ހާމަކޮށްފައެވެ.
ދުންފަތް އަގުބޮޑުކުރުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ގައުމުގެ ކަންކަމާއި ހަވާލުވާން ޒުވާން ޖީލު ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް ދުރާލާ ފިޔަވަޅުތައް އަޅަންޖެހޭކަން ސިއްހީ މާހިރުން ފާހަގަކުރައްވައެވެ. މިގޮތުން ޖެނެރޭޝަން ބޭން ނުވަތަ ވަކި ތާރީހެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މުޅިން މަނާކުރުމުގެ ގަވާއިދުތަކާއި ގާނޫނުތައް އެކުލަވާލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފަށާފައިވާ މަސައްކަތެކެވެ.
ޖެނެރޭޝަން ބޭންގެ ފައިދާތަކުގެ ތެރޭގައި ދުންފަތުން މުޅިން ސަލާމަތްވެފައިވާ ޖީލެއް ބިނާވުމާއި، ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާވެ، ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ކުރާ ހޭދަތައް ކުޑަވުން ހިމެނެއެވެ. އަދި ދުޅަހެޔޮ މުޖްތަމަޢުއަކާއެކު ގައުމީ އުފެއްދުންތެރިކަމަށް ކުރިއެރުން ލިބި، ތަރައްގީގެ ދުވެލި ހަލުއިވުން ހިމެނެއެވެ.
ތަރައްގީވެ، ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރު ދުންފަތުގެ ޖެނެރޭޝަން ބެން ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާއިރު، ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް މިހާރު ވަނީ އެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިމަހުގެ 3 ވަނަ ދުވަހު ޕޯލެއް ހުޅުވާލައްވާފައެވެ.
އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވި ޕޯލްގައި ވަނީ، ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވާފައެވެ.
މި ޕޯލަށް ވޯޓް ދިނުމަށް ހުޅުވާލާފައި އޮތް ފުރުސަތު ހަމަވިއިރު 5501 މީހަކު ވަނީ ޕޯލްގައި ބައިވެރިވެފައެވެ. އޭގެތެރެއިން 51 އިންސައްތައާއެކު އެންމެ ގިނަ މީހުން ތާއީދުކުރީ 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ.
41 އިންސައްތަ މީހުން ތާއީދުކުރީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. ޕޯލްގައި ބައިވެރިވި ބާކީ 8 އިންސައްތަ މީހުން ތާއީދުކުރީ 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެެވެ.
If a generational ban on smoking were to be implemented in the Maldives, to protect the health of our youth and future generations from the harmful effects of smoking, which the following would be the most appropriate starting point?
— Dr Mohamed Muizzu (@MMuizzu) April 3, 2025
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދަވާޢިރު، އެހެން ބައެއް ގައުމުތަކުގައިވެސް އެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް ގައުމަކުން ދުންފަތާއި ދެކޮޅަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކޮށްފައެއް ނުވެއެވެ. އެހެންކަމުން ޖެނެރޭޝަނަލް ބޭންއެއް ކަނއަޅާ، ތަންފީޒުކުރާ ފުރަތަމަ ގައުމަކަށް ރާއްޖެވެއްޖެނަމަ އެއީ ބައިނަލްއަގުވާމީ ގޮތުންވެސް ރާއްޖެއަށް ލިބޭނެ ބޮޑު ކާމިޔާބީއެއްގެ އިތުރުން ކޮންމެ ދިވެއްސަކުވެސް އެކަމާމެދު އުފާކޮށް ފަހުރުވެރިވާނޭކަމެއްކަން ޔަގީނެވެ.