ކުޅިވަރު

ރެއާލްގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހިއްޖެ: އަންޗެލޮޓީ


ރެއާލް މެޑްރިޑުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކުރުމުގެ ވަގުތު މިހާރު ޖެހިއްޖެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. އަންޗެލޮޓީ މިހެން ބުނެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އާސެނަލްއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން ބަލިވިމެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

އަންޗެލޮޓީ ބުނީ ރޭގެ ނަތީޖާގެ ސަބަބުން ޗެމްޕިއަންސްލީގުގެ ސެމީއިން ޖާގަ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެއްޖެކަމަށާ އެހެންނަމަވެސް އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗުން ނަތީޖާ ބަދަލުވެގެން ދިއުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމެއްގެ ފަރާތުން ލަނޑެއް ފެނިގެން ނުދިޔަނަމަވެސް، ދެވަނަ ހާފުގެ ތެރެއިން ސުން ކަނޑުވާލީ އާސެނަލްގެ ޑެކްލަން ރައިސްއެވެ. މެޗުގެ ދެވަނަ ލަނޑަކީވެސް އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޑެކްލަން ރައިސް ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ 75 ވަނަ މިނިޓުގައި މިކޭލް މޮރީނޯ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށް، އާސެނަލްއަށް ލީޑު ފުޅާކޮށްދިނެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންކަމަށްވާ ރިއާލް މެޑްރިޑުން ދައްކަމުންދާ ދަށް ކުޅުމުގެ ސަބަބުން މީޑިއާތަކުންވެސް އަންނަނީ ފާޑުކިޔަމުންނެވެ. އެޓީމުގެ ކުޅުމަށް ފާޑުކިޔަމުން މީޑިއާތަކުން ބުނެފަވަނީ ރޭގެ މެޗުގައި ރެއާލް މެޑްރިޑުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށް ކުޅުމެއްކަމަށެވެ. މެޗުގައި ރެއާލްއަށް އެޓޭކްތަކެއް އުފެއްދިފަނުވާއިރު، ޓީމުގެ ދިފާއުންވެސް ފެނިގެންގޮސްފަވަނީ އެއްވެސް ހަމައެއް ލަމައެއްނެތި ބޮއްސުންލާފައިވާ މަންޒަރުކަމަށް މީޑިއާތަކުންވަނީ ސިފަކޮށްފައެވެ. އެހެންނަމަވެސް ސީޒަނުގެ ބާކީ އޮތްބައި ރަނގަޅުކޮށްފިނަމަ ރިއާލްއަށް ފުރުސަތު އޮތްކަމަށާ، ބަދަލުތަކަކާއެކު ކުރީގެ ރަން ތާރީޚަށް ވާސިލުވުމަށް މަސައްކަތްކުރުމަށް މީޑިއާތަކުންވަނީ އެޓީމަށް ގޮވާލާފައެވެ.

"ކުޅުމުގެ ފަހުކޮޅު އާންމުގޮތެއްގައި ޓީމުން ތަފާތެއް ދައްކާނެ. އެހެންނަމަވެސް މިއަދު ފެނުނީ ވަރަށް ދަށް ކުޅުމެއް. ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ މިހިރީ. ޓީމުގެ ކުޅުން އިސްލާހުކުރަންވީ ވަގުތު މިއޮތީ ޖެހިފަ. އަންނަ ހަފްތާގެ ކުރިން ބަދަލުތަކެއް ގެންނަން އެބަޖެހޭ" ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޮޓީ ބުންޏެވެ.

"ދެން މިހެން ބުންޏަސް ކޮންމެވެސް ވަރަކަށް ރަނގަޅުކަންކަންވެސް ޓީމުން ފާހަގަކުރެވުނު" ޓީމަށް ހިތްވަރުދެމުން ކޯޗު ބުންޏެވެ.

ރެއާލް މެޑްރިޑަކީ ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމުގެ ރިކޯޑެއް އޮތް ޓީމެކެވެ. ޚާއްސަގޮތެއްގައި އެމީހުންގެ އަމިއްލަ ދަނޑު ސެންޓިއާގޯ ބާރނަބައުގައި ވާދަކުރާ މެޗުތަކުން ރަނގަޅު ނަތީޖާތަކެއް އެޓީމުންވަނީ ނެރެފައެވެ. މިކަހަލަ އެއް މެޗަކީ މީގެ ފަންސާސް އަހަރުކުރިން ޔޫރަޕިއަން ކަޕުގައި ޑާރބީ ކައުންޓީއާ ވާދަކުރިމެޗެވެ. އެމެޗުގައި ރެއާލުންވަނީ ފަހަތުން އަރާ ތިން ލަނޑުޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

އެންޗެލޮޓީ ބުނީ ސެމީއިން ޖާގައެއް ލިބުމުގެ ފުރުސަތު ހަނިވެފައިވީ ނަމަވެސް ޓީމުގެ އަސްލު ފެންވަރު އަލުން ގެނައުމަށް މަސައްކަތްކުރާނެކަމަށެވެ. މިމެޗުން ދެއްކި ދަށް ކުޅުމަށް ދެވޭނެ އެންމެ ރަނގަޅު ޖަވާބަކީ ކުރިއަށް އޮތް މެޗުގެ ނަތީޖާ ރަނގަޅުކުރުންކަމަށްވެސް އޭނާ ބުންޏެވެ. ފުޓުބޯޅައަކީ ކޮންމެ ފަދަ ގޮތަކަށްވެސް ނަތީޖާ ނިކުމެދާނެ އެއްޗެއްކަމަށާ، މެޗުގެ ނަތީޖާ ލަފާކުރުމަކީ ފަސޭހަކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

"ފުޓްބޯޅައަކީ ފާޑެއްގެ އެއްޗެއް. ކޮންމެ ފަދަ ގޮތަކަށްވެސް ނަތީޖާ އެނބުރިދާނެ. ކާމިޔާބުކުރެވިދާނެކަމަށް ގަބޫލުކޮށް، އެކަމަށް މަސައްކަތްކުރަންވީ. އެކަން އަހަރުމެންވާނީ ބާރނަބިއުގައި ކުޅުނު މެޗުތަކުން ސާބިތުކޮށްދީފަ" ކުރިއަށް އޮތް މެޗަށް އިޝާރާތްކޮށް އެންޗެލޮޓީ ބުންޏެވެ.