ޚަބަރު

ފަހަތުން އަރައި ޕީއެސްޖީން އެސްޓަން ވިލާ ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އެސްޓަން ވިލާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. ޕީއެސްޖީ އިން ޖުމްލަ 29 ހަމަލައެއް އުފައްދާފައިވާއިރު އޭގެ ތެރެއިން 10 ހަމަލާ ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.

ދާދި ފަހުން ފްރާންސްގެ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ޕީއެސްޖީ އަށް ސިހުން ލިބިގެންދިޔައީ މެޗުގެ 35 ވަނަ މިނިޓުގައި ޔޫރީ ޓިއެލެމަންސް އަރިމަތިން ނަގައިދިން ހުރަހަކުން މޯގަން ރޮޖާރސް ލަނޑެއް ޖަހާ އެސްޓަން ވިލާއަށް ކުރި ހޯދަދިނުމުންނެވެ.

ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ޕީއެސްޖީގެ ޑިސަޔާ ޑޯއޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ އޭރިޔާ ބޭރުން ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ވަރަށް ރީތި ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޕީއެސްޖީއަށް ކުޅެމުންދާ ޖިއޯޖިއާގެ މިޑްފީލްޑަރ ކަވީޗާ ކްވަރަޓްސްކޭލިއާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ޕީއެސްޖީ އިން އުފެއްދި ގިނަ ހަމަލަތަކެއް އެސްޓަން ވިލާގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ. އޭގެ ތެރޭގައިވެސް އުސްމާން ޑެމްބެލޭ އާއި އަޝްރަފް ހަކީމީގެ ނުރައްކާތެރި ހަމަލަތައް ފާހަގަކުރެވެއެވެ.

ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނޫނޯ މެންޑޭޒް އެވެ.

މި ނަތީޖާ އާއިއެކު އަންނަ ހަފްތާގައި އެސްޓަން ވިލާގެ ދަނޑުގައި މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމަށް ނިކުންނައިރު އެސްޓަން ވިލާއަށް ކުރަން ޖެހިފައިވާ މަސައްކަތް ވަނީ ބޮޑުވެފަ އެވެ.