ޚަބަރު

ސިޔާސީ 5 ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ ދޫކުރަން ނިންމައިފި


  • އެންމެ ގިނައިން ފައީސާ ލިބެނީ ކޮންގްރެސް ޕާޓީއަށާއި، އެމްޑީޕީއަށް

  • ފައިސާ ދޫކުރަނީ މެންބަރުންގެ ނިސްބަތަށް

  • ބޮލަކަށް ޖެހެނީ 193.23 ރުފިޔާ

ސިޔާސީ ޕާޓީތައް ހިންގުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ފަސް ޕާޓީއަކަށް 27.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ކޮންގްރެސް ޕާޓީއަށެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމަވާފައިވާ ސިޔާސީ ޕާޓީތަކަކީ ދައުލަތުގެ ބަޖެޓު މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކެވެ. މި ޕާޓީތަކަށް ޖުމްލަ 27،911،256 ރުފިޔާ ދޫކުރުމަށް އިލެކްޝަނަސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތުން، ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވާނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. އިލެކްޝަނުން ވިދާޅުވީ، 2023 ޑިސެމްބަރ 13 ވަނަ ދުވަހު ބަޖެޓް ފާސްކުރިއިރު، ދިހަހާސް މެންބަރުން ހަމަވަނީ، އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީގައި ކަމަށެވެ.

ފައިސާ ދޫކުރާ ޕާޓީތަކާއި ޢަދަދު:

• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 8.4 މިލިޔަން ރުފިޔާ
• ޖުމްހޫރީ ޕާޓީ(ޖޭޕީ): 2.6 މިލިޔަން ރުފިޔާ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 1.7 މިލިޔަން ރުފިޔާ
• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ): 13.3 މިލިޔަން ރުފިޔާ
• އަދާލަތު ޕާޓީ (އޭޕީ): 1.7 މިލިޔަން ރުފިޔާ

ފައިސާ ލިބޭ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު:

• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް: 68،968 މެންބަރުން
• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 43،755 މެންބަރުން
• ޖުމްހޫރީ ޕާޓީ: 13،826 މެންބަރުން
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 9،210 މެންބަރުން
• އަދާލަތު ޕާޓީ: 9،049 މެންބަރުން

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައިވަނީ ބޮލަކަށް 193.23 ރުފިޔާގެ މަގުންކަމަށެވެ. އެއީ ޖުމުލަ 144،808 ޕާޓީ މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.