ޚަބަރު

ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓުކޮށް ކުރިއަރުވަން ސިނާޢަތުގައި ހިމެނޭ އެންމެންގެ އެއްބާރުލުން ބޭނުންވޭ: ޝިއުރީ


  • 2024ވަނަ އަހަރު 54 ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައި

  • ބައިނަލްއަޤުވާމީ މާކެޓުގައި ހޮޓަލްތަކާއި ގެސްޓްހައުސްތައް ޕްރޮމޯޓްކޮށްފައިވޭ

ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ސަރުކާރާއި އެމްއެމްޕީއާރުސީން ކުރާ މަސައްކަތްތަކަށް ސިނާޢަތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ މިހެން ވިދާޅުވީ، މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވިދާޅުވީ، އެއެސޯސިއޭޝަނާއި އެމްއެމްޕީއާރުސީ ގުޅިގެން ބަންގްލަދޭޝް އާއި އަޒަރްބައިޖާންގައި ބޭއްވި ފެއާތައް ކާމިޔާބުކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް އެ އެސޯސިއޭޝަންއާއި ގުޅިގެން އިތުރު ފެއަރތަކަކާއި ރޯޑް ޝޯރތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ޝިއުރީ ވަނީ ފާހަގަކުރައްވާފައެވެ.

ޝިއުރީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގެސްޓްހައުސް ވިޔަފާރިތަކުގެ އިތުރުން އެހެނިހެން ވިޔަފާރިތައްވެސް ކުރިއެރުވޭނީ ހަމައެކަނި ސަރުކާރުން ނުވަތަ އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތަކުން ނޫންކަމަށާއި، ފަތުރުވެރިކަން އިތުރަށް ކުރިއެރުވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައްވެސް ގުޅިގެން އެފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަމަށެވެ.

"ޓޫރިޒަމް ޕްރޮމޯޓްކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ހަމައެކަނި އެމްއެމްޕީއާރުސީއަށް ކުރެވޭނެކަމެއްނޫން. މިއީ ހަމައެކަނި މިނިސްޓްރީއަކަށްވެސް ކުރެވޭނެކަމެއް ނޫން. މިކަމުގައި އެންމެންގެ އެއްބާރުލުން ލިބިގެން މި ސިނާއަތަށް ބޮޑު ކުރިއެރުންތައް ލިބޭނީ" ޝިއުރީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއާއި ފަތުރުވެރިކަމާއި ބޭހޭ ވުޒާރާއާއި ގުޅިގެން ގެސްޓްހައުސް ވިޔަފާރިތައް ފުޅާކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރެވިގެންދާކަމަށާއި އަދި ކުރިއަށްއޮތްތާގަވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ޝިއުރީ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ކޮމިއުނިޓީ ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލުން ފާހަގަކޮށް، އެމްއެމްޕީއާރުސީގެ އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާލެ އަތޮޅު މާފުށީ ކާނި ގްރޭންޑް ސީވިއު ގެސްޓްހައުސްގައި ބޭއްވި މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވޭތުވެދިޔަ އަހަރު އެއެސޯސިއޭޝަނުން ހޯދާފައިވާ ކުރިއެރުންތަކާއި، މާލީ ހިސާބުތައް އަދި އެ އެސޯސިއޭޝަންގެ ކުރިމަގާއި މެދު ވަނީ މަޝްވަރާކޮށްފައެވެ.

މި ޖަލްސާގައި ގެސްޓްހައުސް ވިޔަފާރީގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް އެވޯޑްވެސް ހަވާލުކޮށްފައެވެ. މި އެވޯޑުތައް ހަވާލުކޮށް ދެއްވީ ކުރީގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަބްދުﷲ މައުސޫމްއެވެ.

މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން، އެންއެޗްގޭންގެ އަހަރީ އާންމު ޖަލްސާގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން އާއި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު، ކާނި އަބްދުﷲގެ އިތުރުން އެންއެޗްގޭމްގެ އިސްވެރިންނާއި ބައެއް ގެސްޓްހައުސްތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.