ޚަބަރު

އައްޑޫ ސިޓީ ފޭދޫ ލިންކް ރޯޑުގައި މިރޭ ހިނގި އެކްސިޑެއްޓެއްގައި މީހަކު ނިޔާވެއްޖެ


  • ނިޔާވެފައިވަނީ ފޭދޫއަށް ނިސްބަތްވާ ޢުމުރުން 36 އަހަރުގެ ފިރިހެނެއް

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހިގެންކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވާފައިދިޔަ ސ. ފޭދޫ އުލްފަތުގޭ ޢުމުރުން 36 އަހަރުގެ އިބްރާހިމް ސިޔާދަށް އަނިޔާވެގެން ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީ ޢުމުރުން 23 އަހަރުގެ މުޙައްމަދު މާހިލް މުމްތާޒް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސަ ފުލުހުން ގެންދަނީ ތަހުޤީޤްކުރައްވަމުންނެވެ.

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މިރޭ މީހަކު ނިތާވެފައިވާއިރު، ރޭގެ ވަގުތެއްގައި ލ. ލިންކު ރޯޑުގައިވެސް ސައިކަލެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ލ. މާބައިދޫ ސޫރަޖުވިލާ ޢުމުރުން 30 އަހަރުގެ އިބްރާހީމް ނައުޒަމްއެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

އެ ހާދިސާވެސް ފުލުހުން ގެންދަނީ ތަހުގީގްކުރައްވަމުންނެވެ.