ކުޅިވަރު

ޕެނާންގް ސޮކަރ ސެވަންސް: ސޮކަރ ވެޓެރަންސް ޓީމަށް ރަނގަޅު ތަޖުރިބާއެއް


މެލޭޝިއާގެ ޕެނާންގުގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ސޮކަރ ސެވަންސްގައި ރާއްޖޭގެ ސޮކަރ ވެޓެރަންސް ޓީމުން ރަނގަޅު ތަޖުރިބާއެއް ކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ސޮކަރ ވެޓެރަންސް ޓީމުން ތިން މެޗު ކުޅުނު އިރު، އެތަނުން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. މޮޅުވީ މުބާރާތުގައި ކުޅުނު ދެވަނަ މެޗުން 4-1 ގެ ނަތީޖާއިންނެވެ.

ފަހު މެޗުގައި ސޮކަރ ވެޓެރެންސް ޓީމު ބަލިވީ 1-0 ލަނޑުންނެވެ. ސޮކަރ ވެޓެރެންސް ޓީމުން މުބާރާތުގައި ފުރަތަމަ ދުވަހު އުނދަގޫ ފެށުމަކަށް ވީނަމަވެސް އެޓީމުން މާސްޓަރސް ކެޓަގަރީގަ ވާދަކޮށް މެޗު ގެއްލުމުން ވަނީ މި މުބާރާތުގައި ހިމެނޭ އިތުރު ބަޔަކުން ފުރުސަތު ލިބިފައެވެ. އެއީ މާސްޓަރސް ކެޓަގަރީގެ ބަލިވާ ޓީމުތަކުގެ މެދުގަ ކުޅޭ މުބާރާތުންނެވެ.

ދެ ދުވަހަށް ކުރިއަށްދާ މުބާރާތުގައި މިފަހަރު ރެކޯޑް އަދަދެއްކަމުގައިވާ 70 ޓީމު ވަނީ ބައިވެރިވެފައެވެ. މި ފަހަރު މުބާރާތުގެ 60 އިންސައްތަ ޓީމުތަކަކީ މެލޭޝިޔާއިން ބޭރު ޓީމުތަކެވެ. މެލޭޝިޔާގެ ޕެނާންގް ސްޕޯޓްސް ކުލަބުން އިންތިޒާމު ކުރާ މިއީ 24 ވަނަ މުބާރާތެވެ. 2000 ވަނަ އަހަރު ސޮކަރ ސެވަންސް މުބާރާތް ފެށިއިރު 12 ޓީމެއް އެފަހަރު ބައިވެރިވިއެވެ.

މިފަހަރުގެ މުބާރާތުގައި އޮސްޓްރޭލިޔާ، ޗައިނާ، ހޮންގްކޮންގް، އިންޑޮނޭޝިޔާ، ވިއެޓްނާމް، ސިންގަޕޫރު، ބުރުނާއި އަދި ދިވެހިރާއްޖޭގެ ވެޓެރެންސް ޓީމުތަކުން ޖުމްލަ 1000 ކުޅުންތެރިން ބައިވެރިވެއެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ސޮކަރ ވެޓެރެންސް އާއި މޯލްޑިވިސް ސޮކަރ މޭޓްސްއެވެ.