ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މިރޭ ކުޅެން ތައްޔާރުވާ މެންޗެސްޓާ ޔުނައިޓެޑުގެ ޓީމުން ގޯލްކީޕަރު އަންދްރޭ އޮނާނާ ބާކީކޮށްފިއެވެ.
ކެމަރޫނުގެ ކީޕަރު ޓީމުން ބާކީކުރީ ވަގުތީ ގޮތުންނެވެ. އަދި އަރާމު ކުރަން ވަގުތު ދިނުމުގެ ގޮތުންނެވެ. ސަބަބަކީ ނަފްސާނީ ގޮތުން އޭނާ އަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައި ގަތުމާއި އޭނާގެ އަންހެނުންނަށް ހުސްވި ހަފުތާގައި މަގުމަތިން ބަޔަކު ދިމާކޮށް، ލޫޓުވައި ހެދުމުން ކުރިމަތިވެފައިވާ މާޔޫސްކަމުން އަރައި ގަތުމަށް ވަގުތު ދިނުމެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް މި ގޮތަށް ނިންމީ ޔޫރޮޕާ ލީގުގައި މިދިޔަ ހަފުތާގައި ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ގޯލުގައި ވެސް އޮނާނާ ގޯސް ހެދުމުންނެވެ. މިއާއެކު އޭނާ އަކީ ޔުނައިޓެޑްގެ ތާރީހުގައި ވެސް ފެނުނު އެންމެ ދަށް ގޯލްކީޕަރު ކަމަށް އެކުލަބުގެ ބައެއް ކުޅުންތެރިން ވަނީ ބުނަން ފަށައިފަ އެވެ.
ނަމަވެސް މި ހަފުތާގައި ޔޫރޮޕާ ލީގުގައި ލިއޯންއާއެކު ކުޅެން ޖެހޭ ފެހު މެޗަށް އޮނާނާ ޔުނައިޓެޑްގެ ފުރަތަމަ 11 އަށް ނެރޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިންޓަމިލާނުން މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނު އޮނާނާ އަށް ކުލަބު ބަދަލު ކުރުމަށްފަހު މާ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. ހާއްސަކޮށް އިންޓަމިލާނުގައި އޭނާ ދެއްކި މޮޅު ކުޅުމާ ގާތަށް ވެސް ނުކުޅެވެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ދޭތެރެ ދޭތެރެއިން ބޮޑެތި ގޯސްތައް ހަދާ ކީޕަރެއްގެ ގޮތުގަ އެވެ.
މި މެޗަށް ނުކުންނައިރު ނިއުކާސަލްގެ ކޯޗު އެޑީ ހޮވޭ ވެސް ބެންޗުން ނުފެންނާނެ އެވެ. އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އެއީ ކުއްލިއަކަށް ބަލިވުމުގެ ސަބަބުންނެވެ.
މި މެޗަށް ނުކުންނައިރު ޔުނައިޓެޑް އޮތީ 38 ޕޮއިންޓާއެކު 13 ވަނާގަ އެވެ. ނިއުކާސަލް އޮތީ 53 ޕޮއިންޓާއެކު ޓޭބަލުގެ ހަތްވާނާގަ އެވެ. މިހެންވެ މެޗުގެ މުހިންމުކަން ބޮޑީ ނިއުކާސަލް އަށެވެ. އެއީ އެ ޓީމަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރާ ޓީމަކަށްވުމެވެ. އިނގިރޭސި ލީގުން ފަސް ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވާއިރު މިވަގުތު ފަސް ވަނާގައިވަނީ 54 ޕޮއިންޓާއެކު އެސްޓަންވިލާ އެވެ. ހަ ވަނާގައިވާ ޗެލްސީ އަށް ވެސް ނިއުކާސަލްއާ އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވެ އެވެ.