ކޮންމެ ދުވަހެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުންކަން ފާހަގަކުރައްވާ މިއަދު ފަހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ ތަޙުނިޔާ ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުވައިފިއެވެ.
ދުވަހުގެ ތަޙުނިޔާ ފޮނުވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުންކަމަށެވެ. އަދި ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
ދިވެހިބަހުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުއެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ "އިސްކުރާނީ ދިވެހިބަސް" މި ޝިޢާރެވެ.
ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން.
— Dr Mohamed Muizzu (@MMuizzu) April 14, 2025
ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް. ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި… pic.twitter.com/ncHeeJxTnj
ދިވެހިބަސް ދިރުވާ އާލާކުރުމަށާއި ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް އަދުގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް އުފެއްދެވި ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދެވުމުގެ މަސައްކަތާއި، ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމަށްކުރާ މަސައްކަތާއި، ތަރިކަ ދިރާސާކުރާ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދެވުމާއި ދިރާސާގެ މަސައްކަތްތައް ފެށުން ހިމެނެއެވެ. މީގެ އިތުރުން ދިވެހިބަހަށް ލޯބި ޖެއްސުމުގެ ގޮތުން ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޤައުމީ މަޝްރޫޢެއް މި ދައުރުގައި ފެށޭނެކަމަށް ދިވެހިބަހާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.